މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް ޤާއިމްކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ހއ. އުތީމުގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ޤައުމީ ދުވަސް ފާހަގަކުރާ ސަބަބާއި ދިވެހިންނާއި އިސްލާމްދީނާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް ވަރަށް ތަފުސީލުކޮށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ގެނެސްދޭ މުހިންމު އެއް ޢިބްރަތަކީ މާތްވެގެންވާ އިސްލާމްދީނަށް ވަފާތެރިވުމުގެ ފޮނި ނަތީޖާކަމަށާއި އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގެ ހިތިކަމާއި އޭގައިވާ ނިކަމެތިކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން ރާއްޖޭގައި އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަން ފާހަގަކުރައްވަމުން، އެ މަނިކުފާނު ވަނީ އެކަން އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން އިތުރަށް ކަށަވަރުކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ.
ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި، ނިޒާމީ ގޮތުން ކަށަވަރުކުރަން. އެހެން ވީމާ، އެ ފަދަ ނިޒާމެއް ޤާއިމު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން – ރައީސް
ދިވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް އެތުރިފައިވަނީ ދީނުގެ ޖައުހަރުގެ ވަށައިގެން ކަމަށާއި، އިސްލާމްދީނަކީ ދިވެހި ޤައުމުގެ ނާރެސް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ތާރީޚީ ކަންކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ހިތްދަތިކަމުގައި އެތައް އަހަރަކު ރާއްޖެ ޕޯޗުގީޒުންގެ އަތްދަށުގައި އޮންނަންޖެހުނީ އެމީހުންގެ ތެރެއިން އެކަހެރި ފަރާތަކުން އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ. އެ ހިސާބުން ޤައުމާ ދެމެދު އޮތް ރޫޙާނީ ގުޅުން ކެނޑި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވިކަމަށެވެ.
އުތީމު މަހާރަދުން ޖިހާދުކުރެއްވީ މައިގަނޑުގޮތެއްގައި ދީނަށްޓަކައި ކަމަށާއި، އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ދިވެހި ޤައުމުގެ މިނިވަންކަން ގެއްލިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އިސްލާމްދީން ހިމާޔަތްކުރެވޭނެ އެންމެހާ ނިޒާމުތައް ޤައުމުގައި ފުރިހަމައަށް ޤާއިމްވެފައި އޮންނަންޖެހޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމީ ދުވަހުގެ ބަޠަލުންނާއި އިސްލާމްދީނުގެ އަސާސީ ހަމަތަކުން ލިބޭ އެންމެ ބޮޑު ޢިބްރަތަކީ މުޖުތަމައެއް ބިނާކުރުމުގައި އަޚްލާޤް އެންމެ އިސްކުރަންޖެހުން ކަމަށް ރައީސް ވިދާޅުވިއެވެ.













