ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެ ފަރުދީ ޒިންމާއެއްކަމަށް ތަރިކައާއި ފަންނާއި ސަގާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ގައުމީ ދުވަހު ކޮންމެ މީހަކުވެސް ކުރާ ފުރަތަމަ ކަމަކަށްވާންވާނީ ގައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުން ކަމަށެވެ.
ގައުމީ ދުވަސް ފާހަގަކުރާއިރު މާޒީން އިބުރަތް ލިބިގަތުމަށާއި، ގައުމީ ސިޔާދަތު ދިފާއުކޮށް ނެގެހެއްޓުމުގެ ވިސްނުން އިސްކުރުމަށާއި، މުޖުތަމައު ބިނާކުރުމާއި ގައުމީ ލޯބި އުފެއްދުމަށް އިލްތިމާސަކުރަން، – ވަޒީރު ހީނާ
ރާއްޖެ މިއަދު އޮތް ހާލަތަށް ބަލާއިރު ގައުމީ ދުވަހުގައި، ގައުމު ގައުމަކަށްވީ ސަބަބުތަކާމެދު ވިސްނަންޖެހޭ ކަމަށާއި އެހެން މީހުންނާ ދިވެހިން ތަފާތުވީ ސަބަބުތަކާއި އެ ސަބަބުތަކުގެ ހާލަތު މިއަދު އޮތް ގޮތަށް އަލިއަޅުވައިލަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ބަދަލުތައް ހެޔޮ މިސްރާބަކަށް އަނބުރައިލުމާއި، ގައުމިއްޔަތު ދިރުވައި އާލާކޮށް އޭގެ ހަގީގީ މަގާމަށް އިއާދަކުރުމަކީ މިހުރިހާ ކަމެއް ގުޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ވިދާޅުވިއެވެ.
މާޒީގެ ފަހުރުވެރި ހަގީގަތްތަކުން ޖޯޝާއި ފޯރި ގެނުވާއިރު މާޒީގެ ތަޖުރިބާތަކުން މުސްތަގުބަލު ބައްޓަންކުރަންވީ ގޮތުގެ މައްޗަށް ދަލީލުކުރާކަން ފާހަގަކުރައްވަމުން، އެ ހަގީގަތްތައް އެކުވެގެން އުފައްދާ ޒުވާނާއަކީ ގައުމު ދިފާއުކުރާ މީހާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ގައުމީ ސިފަތަކުން ސިފަ ލިބިގަތުމާއެކު، އެއްބައިވަންތަކަން ދަމަހައްޓައި، އިތުބާރު އުފައްދައި އެ އިތުބާރު ނެގެހެއްޓުމަށް ހުރިހާ ރައްޔިތުންނަށް ވަޒީރު ހީނާ ވަނީ އިލްތިމާސްކުރައްވައިފައެވެ.













