ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ޤައުމު އިސްކޮށްގެންކަން އަޅުގަނޑުމެންގެ ކާބަފައިން ދަސްކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޤައުމީ ދުވަސް ހަނދާންކޮށްދެނީ ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު ކަމަށެވެ. އެގޮތުން ޕޯޗުގީޒުންގެ ވާގިވެރިކަން ހޯއްދެވި، ނުވަ ވަނަ ޙަސަން ރަސްގެފާނަށް ދިވެހިން ދިން ވަރުގަދަ ރައްދު ޖަވާބާއި އޭރުގެ ރާއްޖޭގެ ހާލަތު ހަނދާނަން ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕޯޗުގީޒުންގެ ހިމާޔަތް ހޯއްދަވައިގެން ހުންނަވައި، މާތްވެގެންވާ އިސްލާދީނުގެ ހުރުމަތް ކަނޑައި، ތަހުތު ހޯދުމުގެ ދަހިވެތިކަމުގައި ބޭރުގެ ބާރަކާއެކު ގައުމަށް ގެއްލުންހުރި ގުޅުންތަކެއް އޭނާ ގާއިމުކުރެއްވި ކަމަށާއި، ނަމަވެސް، އެ ނާޒުކު ދަނޑިވަޅުގައި ވެސް ދިވެހިން އިސްކުރީ ޤައުމީ މަސްލަހަތާއި ޤައުމީ ވިސްނުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޤައުމާއި ދީނުގެ މަތިވެރި އުސޫލުތައް ދިވެހިން ދަމަހައްޓާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ދިވެހި ރައްޔިތުން ވެސް ނެންގެވީ ޤައުމީ ފަޅި. ގައުމަށް ހެޔޮ އެދުމުގެ ފަޅި. އެހެންވީމާ ޤައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރި އެއް ސަބަބަކީ މި ކަންކަން ހަނދާންކޮށްދިނުން. ޤައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރީ ދިވެހި ފަހުރުވެރި ކާބަފައިންނެކޭ އެއް ފަދައިން، ގައުމީ ލޯބިން ހިތްތައް ފުރާލަން ދަސްކޮށްދޭން. ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު ހަނދާންކޮށްދޭން.“ – ރައީސް ވިދާޅުވިއެވެ.
ޤައުމީ ދުވަހުގެ ޒިކުރާ އާކުރަމުންދާއިރު، މަދު ބަޔަކު މަގުއޮޅިގެން ދިޔަ ނަމަވެސް، ދިވެހިންނަކީ އަބަދުވެސް ޤައުމީ ވިސްނުން އިސްކުރާ ބައެއްކަން ތާރީހުން ސާބިތުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ޤައުމުގެ ހައްގުގައި ދަލާއި ލޭ އޮހޮރުވައިގެން ގައުމު ދިފާއުކުރުމަކީ ދިވެހިންގެ ޤައުމީ ސިފައެއް ކަމަށާއި، އެކަމުގައި އެއްވެސް ފަންތިއެއް ނުވަތަ ގިންތިއެއްގެ ތަފާތެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމީ ދުވަހުގެ ބަތަލަށް ދިވެހިން ދެމުންދިޔަ ފުރިހަމަ އިޖާބައަކީ، އެ ދުވަހުން އަހަރެމެންނަށް ހާމަވާ އެންމެ މުހިންމު ހަގީގަތް ކަމުގައި ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ”ކަޅުއޮއްފުންމި“ ބަނުމަށްޓަކައި ބޭނުންވާ މާވަޑިން ހޯއްދެވުމަށް ބޮޑުތަކުރުފާނު ކުރެއްވި މަސައްކަތްޕުޅުގައި، ރާއްޖޭގެ ތަފާތު 40 ރަށަކުން 40 މާވަޑިން ބައިވެރިވި ކަމަށެވެ. މިއީ އެ މަތިވެރި ޤައުމީ ޖިހާދުގައި މުޅި ގައުމު ޝާމިލުވިކަމުގެ އަލިގަދަ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ އިސް އަސާސަކީ ޤައުމީ މަސްލަހަތު އިސްކުރުންކަން، އަހަރެމެންގެ ކާބަފައިން ދަސްކޮށްދީފައިވާ ކަމަށާއި އެހެންކަމުން، ޤައުމުގެ ހައްގުގައި، ކާބަފައިން ދެއްކެވި ހަރުދަނާ މިސާލުތަކުން ފިލާވަޅު ލިބިގަތުމަކީ، ދިވެހިންގެ ވިސްނުން ބައްޓަންކުރަންވީ މަގުކަމަށް ރައީސް ވިދާޅުވިއެވެ.













