މުދާ އުފުލާ ސަޕްލައި ދޯނި ”ފްރެންޑް 4“ އަޑިއަށް ގޮސްފައި އޮތް ސަރަހައްދަކީ އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިއާ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.
މި މަހުގެ ދެ ވަނަ ދުވަހު ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އޮގަސްޓް ހަ ވަނަ ދުވަހުގެ ރޭ ދިޔަވަނިކޮށް، އެ ދޯނި ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ތިން މީހަކު ވަނީ ކަނޑަށް ގެއްލިފައެވެ. ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން އާއި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދުގެ އިތުރުން ޕޮލިސް ސާޖަންޓް އަލީ ނާފިއުއެވެ. ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ސިފައިންނާއި ފުލުހުން އަންނަނީ ކުރަމުންނެވެ.
ހުވަދޫ ކަނޑު ތެރެއަށް ދޯނި އަޑިއަށް ގޮސްފައި އޮތްއިރު، އެ ސަރަހައްދުގެ ފުންމިނަށް ބަލާއިރު 1600 މީޓަރަށްވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގިތާ އަށް ދުވަސް ފާއިތުވެފައިވާ އިރު، ނުފެނި ތިބި މީހުން ހޯދުމަށް މިއަދު އިރުއޮއްސި 6:00ގެ ނިޔަލަށް ވައިގެ މަގުން 9،000 އަށް ވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 2000 އަށް ވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި، ހުވަދޫ ކަނޑުގެ ބޮޑު ސަރަހައްދަކާއި ލ. އަތޮޅުގެ ފަރުތައްވެސް ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި ސަލާމަތްވި މީހުން ދިން މައުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ ވަގުތު ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްވެފައެވެ. އޭގެ ތެރޭގައި ކޯސްޓްގާޑުގެ ހާބަ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި، އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަމަނަކާއި ފުލުހަކާއި ދޯނީގައި ތިބި ތިން ފަޅުވެރިން ހިމެނެއެވެ. ދޯނި އަޑިއަށްދިޔައީ ވަރަށް ކުއްލި ގޮތަކަށް ކަމަށާއި ކެޕްޓަން މުހައްމަދު ހަމްދޫން ވަނީ ދޯނި ސަލާމަތްކުރުމަށް އެންމެ ފަހު ވަގުތާޖެހެންދެން ހިތްވަރާއެކު މަސައްކަތްކޮށްފައި ކަމަށް ސަލާމަތްވި މީހުން މައުލޫމާތުދީފައިވެއެވެ.












