ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވެ ގާތްގަނޑަކަށް ސުމަކުން ފެއްޓެވި ގްރޭޓަރ މާލެ ސަރަޙައްދު ގުޅާލުމަށް ކުރިއަށްގެންދާ ”ތިލަމާލެ ބްރިޖު“ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ވަރަށް ބާރުދުވެލީގައި ކުރިއަށްދާކަމަށާއި، އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މަޝްރޫޢު އެއްކޮށް ނިންމާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”ދަ ޕަލްސް“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު މާލެއާއި ވިލިމާލެއާ ދެމެދު ޢަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން މި މަޝްރޫޢު ފެށި ނަމަވެސް، ވެރިކަން ބަދަލުވިއިރު އެންމެ ތަނބެއްގެ މަސައްކަތްވެސް ނިމިފައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.
”“މިއީ މި ސަރުކާރު ހަވާލުވެ ސުމަކުން ފެށި މަސައްކަތެކޭ ވެސް ބުނެވިދާނެ. ނިމުނު ސަރުކާރުގައި ކުރެވިފައިވަނީ ވަރަށް މަދު މަސައްކަތެއް، އަޅުގަނޑުމެންނާއި ހަވާލުވި ހިސާބު ވަރަށް ސަމާލުކަންދީގެން ވަރަށް ގާތުން މި ސަރުކާރުން މިކަމުގައި މަސައްކަތްތައް ކުރަން. އަޅުގަނޑުމެން ބޭނުންވަނީ ވީ އެންމެ އަވަހަކަށް މަޝްރޫއު ނިންމަން. ދެން އެހެންވީމަ ދެ ސަރުކާރުގެ ގާތްގުޅުގެ ތެރެއިން މިހާރު މަސައްކަތް އެދަނީ ވަރަށް ބާރަަށް ކުރިޔަށް“ ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު މާލެއާއި ވިލިމާލެއާ ދެމެދުގެ ސަރަޙައްދު ގުޅާލުމުގެ މަސައްކަތްތައް ވަނީ މުޅިންހެން ނިމުމަކާ ގާތްވެފައެވެ. އަދި ވިލިމާލެއާއި ތިލަފުށި، އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލުމުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަސައްކަތް އަވަސްކުރުމަށްޓަކައި އިންޑިއާ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށާއި، ދެ ޤައުމުގެ ގުޅުމުގެ ތެރެއިން މި މަޝްރޫޢަށް މިހާރު ބޮޑު ދިރުމެއް ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރިޖުގެ މުޅި މަޝްރޫޢުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން ބްރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން 90.4 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. މީގެ ތެރެއިން 72.9 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ތަނބުތަކުގެ މަތީގައި ހަރުކޮށް ނިމިފައެވެ.
ތިލަމާލެ ބްރިޖަކީ ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލު ކަމަށް ސަރުކާރުން ދެކެއެވެ. ނިމުނު ސަރުކާރުން ދައުރު ނިމުނުއިރު މަޝްރޫޢުގެ އެންމެ 30 އިންސައްތަ ނިންމާފައިވީ ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މި ބިޔަ މަޝްރޫޢު ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމެވެ.
އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި ފެށި ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. މި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީއެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތުގައި މިހާރު ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރި ވެއެވެ.












