އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތް ކަމަށާއި، މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެއް ނެތްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.
މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު“ މި މައުޟޫޢަށެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ޚިޔާރުކުރައްވާފައިވާ ހަމައެކަނި ދީނަކީ އިސްލާމްދީނެވެ. މިކަމުގެ ދަލީލެއްގެ ގޮތުން ކީރިތި ޤުރްއާނުގެ އާލްޢިމްރާން ސޫރަތުގެ 19 ވަނަ އާޔަތް ޚުޠުބާގައި ފާހަގަކުރިއެވެ.
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَـٰمُ ۗ
އެ އާޔަތުގެ މާނައިގައިވަނީ: ”ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ.“
އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމަކީ މުސްތަޙީލު ކަމެއްކަން ފާހަގަކުރައްވައި، ނަމާދާއި ޒަކާތް އަދި ޙައްޖުގެ އަޅުކަން ފަދަ ކަންކަން އަދާކުރާނޭ ގޮތުގެ ތަފްޞީލު އެނގެން އޮތީ ނަބިއްޔާ ﷺ ގެ ސުންނަތުން ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ސުންނަތަކީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމަށް ދެކޭ ދެކުމަކީ ކުށްހީއެއްކަމަށްވެސް ބަޔާންކުރިއެވެ.
ރަސޫލާގެ ސުންނަތުގައި ހިފެހެއްޓުމުގެ މުހިންމުކަން ހާމަކޮށްދެއްވުމަށް ޚުޠުބާގައި ނަބިއްޔާ ﷺ ގެ ޙަދީޘް ބަސްފުޅެއް ހިމަނާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
(تَرَكْتُ فِيْكُمْ أَمْرَيْنِلَنْ تَضِلُّوْا مَا تَـމَسَّكْتُمْ بـِهِمَا كِتَابَ اللهِ وَسُنَّةَ نَبِيِّهِ) މާނައީ: ”ތިމަންކަލޭގެފާނު މި ވަޑައިގަންނަވަނީ ތިޔަބައިމީހުންގެތެރެއަށް ދެ އެއްޗެއް ދޫކުރައްވައިފައެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހައި ހިނދަކު، ތިޔަބައިމީހުން މަގު ފުރެދިގެންނެއް ނުދާނެއެވެ. އެއީ ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުއްނަތެވެ.“
މީގެ އިތުރުން، ނަބިއްޔާ ﷺ އަށް ނުކިޔަމަންތެރިވާ މީހާއަކީ ސުވަރުގެ ވަނުމަށް ދެކޮޅުހަދާ މީހެއްކަމަށްވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި ޤުރްއާނާއި ސުންނަތަކީ ވަކިނުކުރެވޭނޭ ދެ މަޞްދަރު ކަމަށާއި، ދީން ރައްކާތެރިކުރެވޭނީ މި ދެ މަޞްދަރު ރައްކާތެރިކޮށްގެން ކަމަށްވެސް ޚުޠުބާގައި ބަޔާންކުރިއެވެ.













