ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ހއ. އުތީމަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އުތީމަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުންގެ ފަރާތުން އެ ދެކަނބަލުންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމެވެ. މިއަދު ހެނދުނު 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ރައީސް ދެއްވާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް އެރުވުމަށް ހަމަޖެހިފައިވާއިރު، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް އެރުވުމަށް ވަނީ ނިންމަވައިފައެވެ. މީގެ އިތުރުން، އެއް ބޭފުޅެއްގެ ހަނދާނަށް ދައުލަތަށް ހިދުމަތް ކުރުމުގެ ޝަރަފުގެ އިނާމު އެރުވުންވެސް މި ޖަލްސާގައި އޮންނާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން އުތީމުގައި އަލަށް ތަރައްގީކުރި ”ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި“ ހުޅުއްވައިދެއްވުމުގެ އިތުރުން ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ މުހިންމު މައުލޫމާތުތައް ހިމެނޭ ”ވާހަކަ ވައު“ ވެސް އެމަނިކުފާނު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އުތީމުގައި ގައުމީ ދުވަހުގެ ހަރަކާތްތައް އިއްޔެ ހެނދުނު ފަށާފައިވާއިރު، އިއްޔެ ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައި، ރޭގެ ވަގުތެއްގައި ކުލަގަދަ ހަވާއެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ގައުމީ ދުވަހަކީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޡަމް، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އާކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެކެވެ.













