ވެޓް މާކެޓް ތަރައްގީކުރަން ކައުންސިލުން ބިން ހަވާލުކުރަން ނިންމާނީ ސަރުކާރުގެ ގާބިލުކަން ހުރީމަ ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު ވިދާޅުވެއްޖެއެވެ.
ސަމާހު މި މޭރުމުން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ސަމާހު ވިދާޅުވީ، ސިޓީ ކައުންސިލްގެ ބައްދަލުވުންތަކުގައި އަބަދުވެސް ދައްކަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ނާގާބިލުކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް މާލޭ ވެޓް މާކެޓް ތަރައްގީކުރަން ބިން ހަވާލުނުކުރަން ކައުންސިލުން ނިންމުމަށްފަހު އެ ނިންމުން އަނބުރާ ގެންގޮސް ވެޓް މާކެޓް ތަރައްގީކުރަން ސަރުކާރަށް ބިން ހަވާލުކުރަން ސިޓީ ކައުންސިލުން ނިންމާނީ ސަރުކާރުގެ ގާބިލުކަން ހުރީމަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަމާހު މި މޭރުމުން ވިދާޅުވެފައިވާއިރު، ފާހަގަކޮށްލަންޖެހޭ ކަމަކީ ވެޓް މާކެޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބިން ސަރުކާރާ ހަވާލުކުރުމަށް ސިޓީ ކައުންސިލުން ތަކުރާރުކޮށް ދެކޮޅުހެދުމަށްފަހު، ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވައި އެ ބިން ސަރުކާރާ ހަވާލުކުރުމަށް މިހާރު ވަނީ ގަރާރެއް ހުށަހަޅައިފައެވެ.
”އަޅުގަނޑަށް މީގެ ދެތިން ދުވަހެއް ކުރިން އަޑުއިވުނީ ކައުންސިލުން ބިން ވެސް ހަވާލުނުކުރާނެ ވާހަކަ، ހަމަ ކުއްލި ޖަލްސާއެއް ބާއްވައިފަ މިއަދު ފާސްކުރަން ތި ނިންމެވީ ވެޓް މާކެޓް ހަވާލުކުރަން، ސަރުކާރު ގާބިލުވީމަ ނޫންތޯ މި ގަރާރު ފާސްކުރަން ހުށަހަޅާނީ،“ – ސަމާހު ވިދާޅުވިއެވެ.
ސަމާހު ވިދާޅުވީ، މިހާރު ބޭނުންކުރަމުންދާ މާރުކޭޓް އޮތީ ބޮލަށް ވެއްޓޭ ހާލަތުގައި ކަމަށާއި އެކަމުގެ ސަބަބުން މާރުކޭޓްގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ބޭނުންނުކުރެވޭ ކަމަށެވެ.
ވެޓް މާކެޓް ތަރައްގީކުރުމުގެ މަޝްރޫއު ހުއްޓިފައި އޮތުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެއްކަން ފާހަގަކުރައްވަމުން ސަމާހު އިތުރަށް ވިދާޅުވީ، މި މަސައްކަތް ކުރިއަށް ނުދިޔައީ ބިން ހަވާލުކުރުމުގައި ދިމާވި ހުރަސްތަކުގެ ސަބަބުން ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބިން ސަރުކާރާ ހަވާލުކުރުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމަށް ސަމާހު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ވެޓް މާކެޓް ތަރައްގީކުރުމަށްފަހު އަލުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީ އެ މަސައްކަތް ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ގަރާރެއް ފާސްކުރީ، ކައުންސިލްގެ ފަސްވަނަ ދައުރުގެ ފުރަތަމަ ކުއްލި ޖަލްސާގައި ބައިވެރިވި 11 ކައުންސިލަރެއްގެ އިއްތިފާގުންނެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ފަސް ކައުންސިލަރެކެވެ.
މި ގަރާރުގައިވާ ގޮތުން، ވެޓް މާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސް މާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓު ސަރަހައްދުގައި އޮތް 17,558.54 އަކަ ފޫޓުގެ ބިމުގައެވެ. މި މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު އަލުން ކައުންސިލާ ހަވާލުކުރަން ޖެހެއެވެ. އަދި އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވެސް ގަރާރުގައި ޝަރުތުކޮށްފައިވެއެވެ.
މީގެ އިތުރުން، މި މަޝްރޫއު ކުރިއަށް ގެންދަންވާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، މިހާރު އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށްފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށް ވެސް ކައުންސިލްގެ ގަރާރުގައި ވަނީ ނިންމައިފައެވެ.














