މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މަޢުލޫމާތެއް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެ ކުންފުނީގެ ވެބްސައިޓުގައި ފުރިހަމައަށް ޝާއިއުކޮށްފިއެވެ.
މިއާއެކު، އާރްޑީސީ ވެފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން މި މަޢުލޫމާތުތައް ފުރިހަމައަށް ހާމަކުރި 3 ވަނަ ކުންފުންޏަށެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ދައުލަތުގެ އިދާރާތަކުގެ ތެރެއިން މިކަން ފުރިހަމަކުރި 40 ވަނަ އިދާރާއަކީވެސް އެ ކުންފުންޏެވެ.
އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމުގެ މި ދުވެލީގައި ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފުރަތަމަ މި ލަނޑުދަނޑި ހާސިލުކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އެޗްޑީސީއަކީ މުޅި ރާއްޖޭގެ ހުރިހާ އިދާރާތަކުގެ ތެރެއިން މިކަން ފުރިހަމަކުރި 38 ވަނަ އިދާރާއެވެ. މީގެ އިތުރުން، ދެވަނަ ކުންފުންޏެއްގެ ގޮތުގައި މި މަޢުލޫމާތުތައް ފުރިހަމައަށް ހާމަކޮށްފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިންނެވެ. ސްޓެލްކޯއަކީ ރާއްޖޭގެ އިދާރާތަކުގެ ތެރެއިން މިކަން ފުރިހަމަކުރި 39 ވަނަ އިދާރާއެވެ.
އާރްޑީސީގެ ވެބްސައިޓުގައި މިހާރު ވަނީ ޤާނޫނުން ލާޒިމުކުރާ ހުރިހާ މަޢުލޫމާތެއް އާންމުންނަށް ފެންނާނޭހެން ޝާއިއުކޮށްފައެވެ. މީގެ ތެރޭގައި ކުންފުނީގެ ހިންގުމާއި، މާލީ ކަންކަމާއި، އަދި ރައްޔިތުންނަށް އެނގެންޖެހޭ މުހިންމު ތަފުސީލުތައް ހިމެނެއެވެ.
ދައުލަތުގެ މުއައްސަސާތަކަކީ ޖަވާބުދާރީވާ، ހާމަކަންބޮޑު
ތަންތަނަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އާރްޑީސީން ހޯދި މި ކާމިޔާބީއަށް ގިނަ ބަޔަކު ދަނީ މަރުޙަބާ ކިޔަމުންނެވެ. މި ފިޔަވަޅަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ބުނާގޮތުން، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އެ އިދާރާއެއްގެ މަސައްކަތްތަކާ ގުޅޭ އަސާސީ މަޢުލޫމާތުތައް އަމިއްލަ އިސްނެގުމުގައި އާންމުކުރަންޖެހެއެވެ. އާރްޑީސީން މިވަނީ އެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކޮށް، އެހެން އިދާރާތަކަށް ނަމޫނާ ދައްކާފައެވެ.












