Ads by
ޚަބަރު
ރިޔާސީ އިންތިޚާބަށް ފަހު ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން ތާއީދު

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، ނިޒާމީ ވޯޓެއް ނަގަން އެއްބަސް ކަމަށް އެމްޑީޕީން، ދަ ޑިމޮކްރެޓްސް ޕާޓީއަށް އަންގާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ފަހު ނިޒާމީ ވޯޓު ނެގުމުގައި އެ ޕާޓީގެ އެއްވެސް މައްސަލައެއް ނެތް ކަމަށެެވެ. އަދި އެކަން ޕާޓީތަކަށް އަންގާފައިވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި އެންމެ ގިނައިން ވޯޓު ލިބިވަޑައިގަތީ ފީއެންސީގެ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒަށެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ އެ ދެ ކެންޑިޑޭޓުން ދެވަނަ ބުރުގައި ކުރިމަތިލައްވާނެއެވެ.

ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް ދެ ޕާޓީން ވެސް ވަނީ ޑިމޮކްރެޓްސްއާ މަޝްވަރާކޯށްފައެވެ. ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުންނުވުމުގެ ސަބަބުން ޑިމޮކްރެޓްސްއިން ޕީޕީއެމާ އެކު ކުރި މަޝްވަރާތައް ހުއްޓާފައިވާ ކަމަށެވެ. އަދި މިހާރު މަޝްވަރާތައް ކުރިޔަށްދަނީ ހަމައެކަނި އެމްޑީޕީއާއެކު ކަމަށް ވެސް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *