ސަރުކާރުގެ ހަރަދުގައި ބިނާކުރާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
މިހާރު އިމާރާތް ކުރެވެމުންދާ ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތަކީ އެޑިއުކޭޝަން މިނިސްޓްރީން 12 ނޮވެމްބަރ 2024 ވަނަ ދުވަހު އާރްސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢުގެ އިތުރުން އާރްސީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ރަޝީދެވެ. ރައީސްގެ މި ޒިޔާރަތުގައި، ޢަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންގެ އިތުރުން މަތީ ތައުލީމު ހާސިލްކުރުމަށް އެދިއެދި ތިބި ބައެއް ދަރިވަރުން ވަނީ އެމަނިކުފާނާ ބައްދަލުކުރައްވާ، އެ ދަރިވަރުންގެ ޝުއޫރުތައް އެމަނިކުފާނާ ހިއްސާކުރައްވައިފައެވެ.
އެ ދަރިވަރުންގެ ޝުއޫރުތައް އަޑުއެއްސެވުމަށްފަހު ރައީސް ވަނީ އެ ދަރިވަރުން ހިއްސާކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެއްވެންހުރި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވައި ސަރުކާރުން މަތީ ތައުލީމަށް ދެއްވާ ޖާއްސަ އިސްކަން ފާހަގަކުރައްވައިފައެވެ.
ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް 31 ޑިސެމްބަރު 2026 ވަނަ ދުވަހުގެ ނިޔަލަށް ނިންމާ، އަންނަ 2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގައި ކިޔަވައިދޭން ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ޖުމުލަ އަށް ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ސްކޫލުގެ ކްލާސްރޫމްތަކާއެކު ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ އިތުރު ވަސީލަތްތައް ގާއިމުކުރެވޭނެވެ.
ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތައުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މި ސްކޫލްގެ މަސައްކަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ރަނގަޅު ފެންވަރުގައި ކުރިއަށްގެންގޮސް ނިންމާ، ހުޅުވައި، ކިޔަވައިދޭން ފެއްޓުމަށް ކުރެވޭ މަސައްކަތަކީ އެމަނިކުފާނު ހާއްސަ އަހަންމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.













