މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށާއި، އެއީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙުސާން މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަން އަމަލީގޮތުން ކުރިއަށް ގެންދިއުމަށްޓަކައި ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް އެބަހުރި ކަމަށެވެ. މިވަގުތު ކުރިއަށްދަނީ އެ މަރުހަލާތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”މަރުގެ ހުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް، އަޅުގަނޑުމެން އެކަން ކުރާނަން، އެހެންވެ އެކަމަށް ބޭނުންވާ ގާނޫނެއް ފަރުމާކޮށްފައި މި މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންމިދަނީ،“ – މިނިސްޓަރު އިޙުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދެން އޮތް މުހިންމު ބަޔަކީ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ފުރިހަމަވާންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމެވެ. އެގޮތުން، އެފަދަ ކަންކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މީގެކުރިން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.











