ރާއްޖޭގެ ފުރަތަމަ ވެޓްލޭންޑް ގާޑަން ނުވަތަ އައްޑޫސިޓީ މީދޫ މަތިކިޅި އިކޯގާރޑަންއަށް ވަނުމަށް ފީއެއް ނަގަން ފަށައިފިއެވެ.

އެ ގާޑަންއަށް ވަނުމަށް ފީއެއް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމީ މި މަހުގެ 2 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގައެވެ.
އަދި އިއްޔެ ވަނީ ފީ ނަގަން ފަށައިފައެވެ. އެ ފީ ނަގަން ފެށީ ދެމެހެއްޓެނިވި ގޮތުގައި އެ ގާޑަން ބަލަހައްޓައި އަދި އެތަނުގެ އެކި ސަރަހައްދުތައް ވަކި ވަކި ފަރާތްތަކަށް ކުއްޔަށް ދޫކުރާނެ ލުއި ފަސޭހަ ގޮތްތައް ބަޔާންކޮށް ދެފުށް ފެންނަ ގޮތަށް އުސޫލުތައް ގާއިމުކުރުމަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އިކޯ ގާޑަންއަށް ގިނަވެގެން ވަދެވޭނީ 45 މިނެޓަށެވެ. އެއީ ދިވެހީންނަށް 10 ރުފިޔާ، ވޯކް ވިސާގައި ތިބޭ ބޭރު މީހުންނަށް 15 ރުފިޔާ އަދި ބިދޭސީންނަށް 50 ރުފިޔާގެ މަގުންނެވެ. އަދި ޕާޓީތަކަށާއި ހަފްލާތަކަށް ތިން ގަޑިއިރަށް 800 ރުފިޔާއަށް އެތަން ދޫކުރާނެއެވެ.