ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ޒަރީރުގެ ނަން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވާތީ ރައީސް ޑރ. މުޢިއްޒު ވަނީ 2 ނަމެއް މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަމާއި، ޒަރީރުގެ ނަމެވެ. ކޮމިޓީން ރުހުން ދީފައިވަނީ ޒަރީރުގެ ނަމަށެވެ.
ޒަރީރަށް ރުހުން އޮތް ކަމަށް ކޮމިޓީން ފާސްކުރިއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.