ދިވެހި މީޑިއާގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހްމަދުގެ ސިއްހީ ހާލަތު މިއަދު ވަރަށް ބޮޑަށް ދަށަށް ގޮސް، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ދެ ކިޑްނީ ފެއިލްވެގެން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދަމުން އަންނަ ސާއިދުގެ ހާލު މިއަދު ކުއްލިއަކަށް ދެރަވީ، އާދައިގެ މަތިން ޑައިލިސިސް ހެދުމަށް ހޮސްޕިޓަލަށް ދިޔަ ވަގުތުގައެވެ. އާއިލާއާ ހަވާލާދީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސާއިދުގެ ހާލަތު މިހާރު ހުރި ގޮތުން ޑޮކްޓަރުން ވަނީ އޭނާ ސަލާމަތްވުމުގެ އުއްމީދު ކުޑަކަމަށް އާއިލާއަށް އަންގާފައެވެ.
ގދ. ތިނަދޫއަށް އުފަން ސާއިދަކީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކުޅިވަރު ޓީމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ އެކަކެވެ. އޭނާއަށް އައިޖީއެމްއެޗްގައި އަވަސް ފަރުވާ ދެމުންދާއިރު، އޭނާގެ ބައްޕަ ފިޔަވައި އާއިލާގެ ހުރިހާ މެންބަރުން މިވަގުތު ތިބީ މާލޭގައެވެ.
ސާއިދުގެ ދެ ކިޑްނީ ވެސް މަސައްކަތް ކުރުން ހުއްޓާލާފައިވާކަން އެނގުނީ 2018 ވަނަ އަހަރުގެ ޖޫން މަހު، އިންފެކްޝަނެއްގެ ސަބަބުން ޑޮކްޓަރަށް ދެއްކި ހިސާބުންނެވެ. އޭގެ ފަހުން އޭނާ ދިޔައީ ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރަމުންނެވެ. ކިޑްނީގެ ބަލީގެ ސަބަބުން އޭނާ އަންނަނީ ކޮންމެ ދެ ދުވަހުން އެއް ދުވަހު ޑައިލިސިސް ހަދަމުންނެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް 2009 ވަނަ އަހަރު ސަން އެފްއެމް އިން ނުކުތް ސާއިދަކީ ކުޅިވަރު ކޮމެންޓްރީ ދިނުމާއި، ޕްރޮގްރާމްތައް އުފައްދާ ހުށަހެޅުމުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ. އޭނާ ޕީއެސްއެމްއާ ގުޅުނީ 2015 ވަނަ އަހަރުގައެވެ.
ސާއިދުގެ ހާލަތު ސީރިއަސްވުމާ ގުޅިގެން މީޑިއާ ދާއިރާގެ ގިނަ ބަޔަކު ދަނީ އޭނާއަށް ހެޔޮ ދުއާކޮށް، ހިތާމަ ފާޅުކުރަމުންނެވެ.








