ނ. ކުޑަފަރީގައި ތަރައްޤީކުރި އައު ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކު ހުޅުވުމަށް މިއަދު އެ ރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިންއެވެ.
މިނިސްޓްރީއިން ބުނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ކުޑަފަރީގެ ކުޑަކުދިންނަށް ހިތްފަސޭހަ އަދި ރައްކާތެރި މާޙައުލެއްގައި ކުޅިވަރުކުޅެ، ހަވީރު ފިނިކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މަޝްރޫޢުއެއް ކަމަށެވެ.
ނ. ކުޑަފަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވާލައިފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ތަރައްޤީކުރި މި ޕާކު ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ފެނަކަ ކޯޕަރޭޝަން… pic.twitter.com/LkPG9eRrbk— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) August 9, 2026
މި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް ވިދާޅުވީ، ރަށްރަށުގައި މިފަދަ އިޖުތިމާޢީ ބިނާތައް ތަރައްޤީކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މި ޕާކުގެ ސަބަބުން ރަށުގެ ކުޑަކުދިންނަށާއި ބެލެނިވެރިންނަށް ބޮޑު އުފާވެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ސާލިމް ވިދާޅުވިއެވެ.
މި ޕާކު ހުޅުވުމާއެކު، ކުޑަފަރީގެ ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޕާކުގެ ވަޞީލަތްތައް ބޭނުންކުރަން ފަށާފައެވެ. މި މަޝްރޫޢަކީ ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން ނިންމާފައިވާ މުހިންމު މަސައްކަތެކެވެ.
ރާއްޖޭގެ ރަށްރަށުގައި ހިތްފަސޭހަ މައިޒާން ތަކާއި ކުޑަކުދިންގެ ޕާކުފަދަ ތަންތަން ބިނާ ކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.












