ހުޅުމާލޭގެ ”ފަހި ދިރިއުޅުން“ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ކުނި އަޅާ މީހުން ދެނެގަނެ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ކެމެރާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަން އިން ފަށައިފިއެވެ.
އެޗްޑީސީން މިހާރު ކުރިއަށްގެންދާ ”މަދިރިން ރައްކާ“ ޕްރޮގްރާމްގެ ދަށުން، ހުޅުމާލޭގެ ”އަމާން އުދަރެސް“ ސަރަހައްދުގައި ޖަމާވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިއީ އެ ސަރަހައްދަކީ ސާފުތާހިރު، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އެ ކޯޕަރޭޝަނާއި އެފްޑީސީން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ރައްޒާން ވިދާޅުވީ، އެ ސަރަހައްދު ސާފުކުރުމަށްފަހު ގަވާއިދާ ޚިލާފަށް ކުނި އެޅޭނެ އިތުރު ގޮތްތަކެއް ނުބަހައްޓާނެ ކަމަށެވެ. އަދި ކުނި އަޅާ ފަރާތްތައް ދެނެގަތުމަށްޓަކައި މިހާރު ގްރައުންޑް ފްލޯގައި ކެމެރާ ސިސްޓަމްތައް ހަރުކޮށް ނިމި، ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
”ކެމެރާތައް ލައިވްވާ ހިސާބުން ކުނި އަޅާ މީހުން ފެންނާނެ، އަދި އެފަދަ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅާނެ،“ ރައްޒާން ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޒާން ފާހަގަކުރެއްވި ގޮތުގައި، މި ސަރަހައްދު ސާފުކޮށް ނިމުމާއެކު އެތަން އިތުރަށް ފެހިކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެއެވެ. އެފްޑީސީގެ އަމާޒަކީ ސަރަހައްދު ސާފުކުރުމަށްފަހު، އެތަނަށް ކުނި އަޅާ ފަރާތްތައް ދެނެގަނެ، ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދިއުމެވެ.

މި ފްލެޓްތަކުގެ ކައިރިއަށް ކުނި ޖަމާވުމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވެ، މަދިރި އާލާވުމުގެ ފުރުސަތު ބޮޑުވެފައިވާތީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.













