މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ ”މަދިރިން ރައްކާ“ ކެމްޕޭނުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ”އަމާން އުދަރެސް“ ސަރަހައްދު ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
މި ހަރަކާތަކީ އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، ދިވެހި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ އިން ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާންމުންނާއި ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މީގެ މައިގަނޑު މަގުސަދަކީ މަދިރި އާލާވާ ތަންތަން ނައްތާލައި، ރައްޔިތުންނަށް ދުޅަހެޔޮ އަދި ސާފުތާހިރު މާހައުލެއް ކަށަވަރުކޮށްދިނުމެވެ.
އެފްޑީސީ 4000 ފުލެޓު ސަރަހައްދުގައި ކުރިއަށް ގެންދެވުނު ސާފުކުރުމުގެ އިޖުތިމާއީ ހަރަކާތުގައި އެޗްޑީސީ އެމްޑީ، އެފްޑީސީ ޑީއެމްޑީގެ އިތުރުން ޕޮލިސް އަދި ހެޗްޕީއޭގެ އިސް ވެރިން ވަނީ އަމަލީ ގޮތުން އިސްނަގައި ނަމޫނާ ދައްކަވާފަ.
ވަށައިގެންވާ މާހައުލަކީ ސާފުތާހިރު، ރައްކާތެރި، އަދި… pic.twitter.com/1PHtelSKLs
— Housing Development Corporation (@hdcmaldives) August 8, 2026
މި މަސައްކަތާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޒުހައިރު ވިދާޅުވީ، މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިލްސިލާކޮށް ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށެވެ. ޚާއްސަކޮށް ”މަގޭ ހުޅުމާލެ“ ޝިއާރުގެ ދަށުން ހުޅުމާލެއަކީ ކުނިބުނިން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށާއި، އަމާން އުދަރެސް ސަރަހައްދުގައި ކުރިއަށް އޮތް ތަނުގައި ހިތްފަސޭހަ މައިޒާންތަކާއި ކުޑަކުދިން ކުޅޭނެ ތަންތަން ބިނާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ އަޅުގަނޑުމެން ބޭނުންވަނީ މަގޭ ހުޅުމާލެ، މިޝިއާރުގެ ދަށުން އެއީ މަގޭވެސް ހުޅުމާލެއޭ ސާފުތާހިރު ރަނގަޅު މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ހެދި އަޅުގަނޑުމެންގެ ދަރިންނަކީވެސް އެންމެ ރަނގަޅު ގޮތުގައި ބޮޑުވެގެންދާ މާހައުލަކަށް ހުޅުމާލެ ބަދަލުކުރުން“ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ޒުހައިރު ވިދާޅުވިއެވެ.
މި ހަރަކާތުގެ ދަށުން އަމާން އުދަރެސް ސަރަހައްދުގައި ޖަމާވެފައިވާ ހުރިހާ ކުންޏެއް ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެފްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާން ވިދާޅުވި ގޮތުގައި، މި ސަރަހައްދު ސާފުކުރުމަށްފަހު އެތަނަށް ކުނި އަޅާ ފަރާތްތައް ދެނެގަތުމަށް ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
”މިތަން ސާފުކުރުމަށްފަހު ގަވާއިދާ ޚިލާފަށް ކުނި އެޅޭނެ އިތުރު ގޮތްތަކެއް އަޅުގަނޑުމެން ނުއެއް ބަހައްޓާނަން. ކުނި އަޅާ ބޭފުޅުން އަޅުގަނޑުމެން ހައިލައިޓްކުރާނަން. މިހާރު އަޅުގަނޑުމެންގެ ކެމެރާ ސިސްޓަމްތައް ގްރައުންޑް ފްލޯގައި ހަރުކޮށް ނިމި، ޓެސްޓިންގ މަސައްކަތް އެދަނީ ކުރިއަށް. ކެމެރާތައް ލައިވްވާ ހިސާބުން ކުނި އަޅާ މީހުން ފެންނާނެ، އަދި އެފަދަ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅާނެ،“ ރައްޒާން ވިދާޅުވިއެވެ.

”މަދިރިން ރައްކާ“ ޕްރޮގްރާމްގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށްދާއިރު، މި ހަރަކާތާއެކު މަދިރި މަދުކުރުމަށް ފޮގު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ހަރަކާތްތަކުގެ އެހީގައި ރައްޔިތުން ދިރިއުޅޭ މާހައުލަކީ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމެވެ.













