ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތަކަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން، އެ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، 2026 އޮގަސްޓު 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން. ކަރަންފޫގެ، މުޙައްމަދު އުމީން (19އ) އާއި ހދ. ކުމުންދޫ، ފަހިވާ، ޢާއިޝަތު ޢަލީ (30އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުންނެވެ. އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 27 ސެލޯފިންކޮޅު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 7.59 ގުރާމެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އުމީން 15 ދުވަހަށް އަދި ޢާއިޝަތު ޢަލީ 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، އޮގަސްޓް 5 ވަނަ ދުވަހު ހިންގި ދެވަނަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށީ، އުރަހަ، ޙުސައިން ނަޢީމް (44އ) އާއި އެ ރަށު ބަންޑާރަހިޔާ 002ޕީ، ޢަބްދުއްރަޙްމާން މުޙައްމަދު (45އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ބަނދަރު ސަރަހައްދުންނެވެ.
އެ މީހުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 9.71 ގުރާމެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ. އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.













