ތަހުގީގު ނިމިފައިވާ މައްސަލަތަކާއި، ތުހުމަތުކުރެވޭ ފަރާތެއް ނެތް މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ، ކ. ހިންމަފުށީ ޕޮލިސް ސްޓޭޝަނާއި ދޫނިދޫގައި ނައްތާލައިފިއެވެ.
ހިންމަފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުން ނައްތާލާފައިވަނީ 142 ބިޔަރު ދަޅާއި 22 ބަނގުރާ ފުޅިއެވެ. މި ތަކެއްޗަކީ ބަނގުރަލާ ގުޅޭ އެކި މައްސަލަތަކުގެ ތެރެއިން ތަހުގީގު މަރުހަލާ ފުރިހަމަވެފައިވާ މައްސަލަތަކާއި، ވަކި މީހެއްގެ މައްޗަށް ތުހުމަތެއް ނެތް ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.
ހިންމަފުށީގެ އިތުރުން، ދޫނިދޫގައި ވެސް ވަނީ ބޮޑު އަދަދެއްގެ ބަނގުރާ ނައްތާލާފައެވެ. އޭގެ ތެރޭގައި ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓްތަކުގައި ހިމެނޭ ބަނގުރަލާއި، ތަހުލީލު މަރުހަލާ ނިމިފައިވާ ކޭސްތަކުގައި ހިމެނޭ ތަކެތި ހިމެނެއެވެ.
ދޫނިދޫގައި ނައްތައިލި ތަކެތީގެ ތަފްސީލަށް ބަލާއިރު، ބްރޭންޑެޑް ބަނގުރަލުގެ 96 ފުޅިއާއި، ޕެޓް ފުޅީގައި ހުރި 181 ފުޅި ބަނގުރަލުގެ އިތުރުން 10 ބިޔަރު ދަޅު ހިމެނެއެވެ. މީގެ އިތުރުން، ބަނގުރާ އުފުލުމަށާއި ބަންދުކުރުމަށް ބޭނުންކޮށްފައިވާ ދަބަސް، ފޮށި، ފޮތިކޮތަޅު، ކަރުދާސްކޮތަޅު އަދި ޕްލާސްޓިކް ކޮތަޅު ފަދަ 58 އައިޓަމެއް ވެސް ވަނީ ނައްތާލާފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ތަކެއްޗަކީ ޖުމްލަ 21 އިންސިޑެންޓަކާއި، ކޭސް ކުރެވިފައިވާ 15 މައްސަލައެއްގައި ހިމެނޭ ތަކެއްޗެވެ.
މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.













