އއ. އުކުޅަހުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އެރަށުން އިތުރު 2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އުކުޅަހުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަކާ އެއްގޮތަށް، އެކި މަރުހަލާތަކަށް ބަހާލައިގެން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މިހާރު ހިއްކާފައިވާ ބިމުގެ އިތުރުން 2 ހެކްޓަރުގެ ބިން އިތުރަށް ހިއްކަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، އުކުޅަހަކީ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ރަށަކަށްވުމާއެކު، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ. އެފަރާތްތަކުން އެންމެ ބޮޑަށް އެދިފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އީއައިއޭގެ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ މަސައްކަތް އަމަލީގޮތުން ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އިޤްތިޞާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމާއި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.
އުކުޅަހަކީ ގާތްގަނޑަކަށް 1200 މީހުންގެ އާބާދީއެއް އޮތް، ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެކެވެ. އެރަށުން ގޯތި ނުދޭތާ 25 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، 2023 ވަނަ އަހަރު ވަނީ 13 ހެކްޓަރުގެ ބިން ހިއްކާފައެވެ. ސަރުކާރުން މިހާރު ވަނީ އެރަށުގައި 50 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތްވެސް ފަށާފައެވެ.












