ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިވެފައިވާ ކަމަށާއި، މިކަމާ ގުޅޭ އެއްބަސްވުމަކަށް ކުރިއަށް އޮތް 24 ނުވަތަ 48 ގަޑިއިރުގެ ތެރޭގައި އާދެވިދާނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އަދި ޤަތަރުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ނަމަވެސް، މި ކަނޑުއޮޅީގެ ސަލާމަތީ ނުރައްކާތައް އަދިވެސް އޮތްކަން ހާމަވެގެންދިޔައީ، އޯމާންގެ ކަސަބް އާ 37 ކިލޯމީޓަރު ދުރުން ދަތުރުކުރަމުންދިޔަ މުދާއުފުލާ ބޯޓަކަށް އަމާޒުވި ގޮތް ނޭންގޭ ޕްރޮޖެކްޓައިލް ޙަމަލާއަކާ ގުޅިގެންނެވެ. މި ޙަމަލާގެ ސަބަބުން ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަޅުވެރިން ވަނީ ބޯޓު ދޫކޮށް ގޮސްފައެވެ. އަދި އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަނެއްކޮޅުން، މަސްރަޙު ފިނިވެދާނެ ކަމުގެ އުންމީދުގައި ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ވަނީ %2 ދަށަށް ގޮސްފައެވެ. އެމެރިކާއިން ސީދާ އީރާނާ މަޝްވަރާކުރާ ކަމަށް ބުނި ނަމަވެސް، އީރާނުން ދަނީ އެމެރިކާއާ ސީދާ އެއްވެސް މުޢާމަލާތެއް ނުކުރާ ކަމަށާއި، މަޝްވަރާތައް ކުރިއަށްދަނީ ހަމައެކަނި އޯމާނާއި ގަތަރު މެދުވެރިކޮށް ކަމަށް ބުނަމުންނެވެ.













