ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު އއ. އުކުޅަހަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން، އެ ރަށު ބަނދަރު ސަރަޙައްދުން އެ ރަށު ކައުންސިލާއި އެކިއެކި މުއައްސަސާތަކުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ އެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އުކުޅަހުގައި ކުރިއަށްދާ ބައިނަލްއަޤްވާމީ މުހިންމު ދެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމެވެ. އެގޮތުން ”ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް“ (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތާއި، ”އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް“ (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގައި އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
ހަމައެއާއެކު، ރަށުގެ ތަރައްޤީއަށާއި އާންމު ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރޫޢުތަކާ ގުޅޭ ޚާއްޞަ ހަފުލާތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ތާވަލުކުރެވިފައެވެ.












