ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ނިމިދިޔަ ޖޫން މަހު 57.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި އެ އެޖެންސީގެ ދަފްތަރުގައި ޖޫން މަހުގެ ނިޔަލަށް 15,652 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 9,046 ފިރިހެނުންނާއި 6,606 އަންހެނުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަދަދު އަންނަނީ މަހުން މަހަށް އިތުރުވަމުންނެވެ. އެގޮތުން އޭޕްރިލް މަހު 15,403 މީހުން އަދި މެއި މަހު 15,425 މީހުން ރަޖިސްޓްރީވެފައިވެއެވެ.
މާލީ އެހީގެ ތަފްސީލަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޭޕްރިލް މަހު 55 މިލިޔަން ރުފިޔާ އަދި މެއި މަހު 56 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ތެރަޕިއުޓިކް ފަރުވާގެ ޚަރަދުތަކަށް ޖޫން މަހު އެކަނިވެސް 7 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަން އެންސްޕާގެ ރިޕޯޓުން އެނގެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އަނެއް މުހިންމު ކަމަކީ، ފަގީރު ހާލަތުގައި ދަރިން ބަލަހައްޓަމުންދާ އެކަނިވެރި މައިންނާއި ބަފައިންގެ އަދަދު އިތުރުވަމުންދާ ކަމެވެ. ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އެހީ ލިބޭ 3,240 ބެލެނިވެރިންނާއި 5,551 ކުޑަކުދިން ހިމެނެއެވެ. މި ފަރާތްތަކަށް އެހީގެ ގޮތުގައި ޖޫން މަހު 16.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އާއިލީ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ ފަރާތްތަކަށާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދޭ އެހީގެ އިތުރުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެކި ޕްރޮގްރާމްތަކުގެ ދަށުން ސަރުކާރުން އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އިޖުތިމާއީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީތެރިކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.













