ރާއްޖޭގައި މަރުވާ މީހުންގެ މަރުގެ ސަބަބު ދެނެގަތުމަށް ހަދާ ޕޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީ ރާއްޖޭގައި ހެދޭނެ އިންތިޒާމު ގާއިމުކުރުމަށްޓަކައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ހުޅުމާލެއިން ބިން ހަމަޖައްސައިދީފިއެވެ.
މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް މީޑިއާއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕޯސްޓްމޯޓަމް ސެންޓަރު ގާއިމުކުރުމަށްޓަކައި ހުޅުމާލެ ސަހަރާ ހުރި ބިމުން ޖާގަ ހަމަޖައްސައިދީފައިވާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު އަންގާފައިވާ ކަމަށެވެ.
ހަލީމް ވިދާޅުވި ގޮތުގައި މި ސެންޓަރު ގާއިމުކުރުމަށް ކުރަންޖެހޭ ކުރެހުންތަކާއި އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައެވެ. އަދި މި ސެންޓަރަކީ ހަމައެކަނި ހަށިގަނޑު ފަޅާލައިގެން ޕޯސްޓްމޯޓަމް ހަދާތަނެއް ނޫން ކަމަށާއި، މަރުގެ ތަހުގީގުތަކަށް ބޭނުންވާ ސީޓީ ސްކޭން ފަދަ ޒަމާނީ ވަސީލަތްތައް ވެސް އެ ތަނުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”މަރުވާ މީހަކު ތަހުގީގުކުރަންޖެހޭއިރު ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު މިތަން ހަދަނީ. ހަމައެކަނި މީހަކު ފަޅާލާކަށް ނޫން. އޭގެ ކުރިން ހަދަންޖެހޭ ސީޓީއާއި މި ހުރިހާ ސްކޭނެއް ވެސް އެ ތަނުގައި ކުރެވޭނެ،“ ހަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ފާހަގަކުރެއްވި ގޮތުގައި، އެކި ހާލަތްތަކުގައި (މިސާލަކަށް ފިހިގެން) މަރުވާ މީހުން ހޮސްޕިޓަލުގެ ތެރެއަށް ނުގެނެސް، އެ ސެންޓަރުން ބޭނުންވާ ޑައިގްނޯސްޓިކް ހަދައިގެން މަރުގެ ސަބަބު ދެނެގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މި މަސައްކަތް ކުރިއަށްދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އާއި ފުލުހުން އަދި އައިޖީއެމްއެޗް ގުޅިގެން ކަމަށްވެސް ސީއީއޯ ވިދާޅުވެފައިވެއެވެ.
ޕޯސްޓްމޯޓަމް ހެދުމަކީ މެޑިކަލް ސްޕެޝަލިޓީއަކަށްވާއިރު، ރާއްޖޭގައި މިވަގުތު މި ދާއިރާއިން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ހަމައެކަނި ޑޮކްޓަރަކީ ފުލުހުންގެ ފޮރެންސިކްގައި މަސައްކަތްކުރައްވާ ޑރ. ހަސަން އުމަރެވެ.
ރާއްޖޭގައި މި ހިދުމަތް ނުލިބޭތީ މިހާތަނަށް ޖެހެނީ ހަށިގަނޑުތައް ބޭރަށް ފޮނުވާށެވެ. ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެފައިވާ ގޮތުގައި ފާއިތުވި 10 އަހަރު ތެރޭގައި 23 މީހެއްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ބޭރަށް ފޮނުވާފައިވެއެވެ. މިކަމަށް ކޮންމެ މީހަކަށް މަދުވެގެން 55,000 ރުފިޔާ ހަރަދުވާއިރު، ޖުމްލަ 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ މިކަމަށް ވަނީ ހޭދަވެފައެވެ.
ރާއްޖޭގައި މި ހިދުމަތް ގާއިމުވުމުން، މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް ފަސޭހަވެ، ދައުލަތުން ކުރަންޖެހޭ ބޮޑު ހަރަދެއް ސަލާމަތްވެގެންދާނެއެވެ.













