އިންޑިއާގެ ރެސްލިން ފެޑެރޭޝަނުގެ ކުރީގެ ރައީސް ބްރިޖް ބޫޝަން ސަރަން ސިންގްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކުން އޭނާ ބަރީއަވެއްޖެ ކަމަށް ނިއުދިއްލީގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އިންޑިއާގެ ފާހަގަކޮށްލެވޭ އަންހެން ރެސްލަރުންތަކެއް، ބްރިޖް ބޫޝަންގެ މައްޗަށް ޖިންސީ ފުރައްސާރަކުރުމާއި ފަހަތުން ފާރަލުމުގެ ތުހުމަތުކޮށް ހުށަހެޅި މައްސަލައެކެވެ. މިދިޔަ ހޯމަ ދުވަހު ރައުސް އެވެނިއު ކޯޓުން މި ހުކުމް އިއްވީ، އޭނާއާ ދެކޮޅަށް ޖިނާއީ ފިޔަވަޅު އެޅުމަށް ގޮވާލައި މަސްތަކެއް ވަންދެން ކުރިއަށްދިޔަ މުޒާހަރާތަކަށް ތިން އަހަރު ފަހުންނެވެ.
އިންޑިއާގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ އުމުރުން 69 އަހަރުގެ ބްރިޖް ބޫޝަންގެ މައްޗަށް ކޯޓުން ރަސްމީކޮށް ދައުވާ އުފުލީ 2024 ވަނަ އަހަރުއެވެ. އޭނާގެ ދައުރު އެ އަހަރު ހަމަވިއިރު، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޕާޓީން ދީފައިނުވި ނަމަވެސް، އޭނާގެ ދާއިރާއަށް ވާދަކޮށް ގޮނޑި ކާމިޔާބުކުރީ އޭނާގެ ދަރިފުޅެވެ.
ޖުމްލަ ފަސް އަންހެން ރެސްލަރަކު ވަނީ ބްރިޖް ބޫޝަން ގަޔަށް އަތްލާ ފުރައްސާރަކޮށް، ޖިންސީ އެދުންތައް ފުއްދުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ ފެށުނީއްސުރެ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ކޯޓުގެ ހުކުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބްރިޖް ބޫޝަން ބުނީ، އޭނާއަށް އިންސާފު ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށާއި، އޭނާއަކީ ދުވަހަކުވެސް ކުށްވެރިއެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
އޭނާގެ ވަކީލު ރަޖީވް މޯހަން ވިދާޅުވީ، ކޯޓުން ބްރިޖް ބޫޝަން ބަރީއަކުރީ ހެކިންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމާއި، މައިގަނޑު ކަންކަމުގައި އިއުތިރާޒުތަކެއް ހުރުމުން ކަމަށެވެ. ކޯޓުގެ މި ނިންމުމާއެކު އޭނާއަށް ތާއީދުކުރާ މީހުން ވަނީ ބަޑިޖަހައި، މާބުރިތައް އުކައި ހިންދޫއިންގެ ޝިރުކާއެކު އުފާފާޅުކޮށްފައެވެ.
މި މައްސަލައަކީ 2023 ވަނަ އަހަރު އިންޑިއާގެ މަޝްހޫރު އަންހެން ރެސްލަރުން ކަމަށްވާ ވިނޭޝް ފޯގަޓް އަދި ސާކްޝީ މަލިކް އިސްވެ ތިބެ، ބްރިޖް ބޫޝަން މަގާމުން ވަކިކުރުމަށް ގޮވާލައި ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިފައިވާ މައްސަލައެކެވެ. ނިއުދިއްލީގައި މަސްތަކެއް ވަންދެން ކުރިއަށްދިޔަ މި އިހުތިޖާޖުތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނުއިރު، ކޯޓުގެ މި ނިންމުމާ ގުޅިގެން މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ރެސްލަރުން ވަނީ ބުނެފައެވެ. އަދި މިއީ އިންޑިއާގެ ބީޖޭޕީގެ ނުފޫޒުން ކޯޓުން ކުރި ޙުކުމެއް ކަމަށް ރެސްލަރުން ދަނީ ބުނަމުންނެވެ.












