ގދ. ނަޑެއްލާ ބަނދަރު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ބޮޑު ބައެއް ނިމި، އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން ހައުސިން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 49 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.
ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތާއި، އެއްގަމު ތޮށިލުމަށް ބޭނުންވާ މަސައްކަތްތަކެވެ. މީގެ އިތުރުން، ބަނދަރުގެ ނެރު ފައިކަށީގެ ހިލަ ޖެއްސުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
މި މަޝްރޫޢަކީ 13 ޖުލައި 2023 ގައި ހެވީފޯސް ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. ޖުމްލަ 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން، ބަނދަރުގެ ބޭރުތޮށި ލުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ނިމުމުން، ނަޑެއްލާ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ތަނަވަސް ބަނދަރަކަށް އެތަން ވެގެންދާނެއެވެ.
ސަރުކާރުން އަތޮޅުތެރޭގެ އުމްރާނީ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ، ނަޑެއްލާގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މަގުފަހިވެގެންދާނެ މުހިންމު ބިނާއެކެވެ. މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނިން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަޝްރޫޢު ނިންމުމަށެވެ.













