ރަޝިއާއިން ޔޫކްރޭނުގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ މިސައިލް އަދި ޑްރޯން ޙަމަލާތަކެއްގައި އާންމުންގެ 10 މީހުން މަރުވެއްޖެއެވެ. މި ޙަމަލާގައި ރަޝިއާއިން ވަނީ 35 މިސައިލް (މީގެ ތެރޭގައި 27 ބެލިސްޓިކް މިސައިލް ހިމެނޭ) އަދި 185 ޑްރޯން ބޭނުންކޮށްފައެވެ. ޔޫކްރޭނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވީ، އެމެރިކާގެ ’ޕެޓްރިއަޓް‘ ވައިގެ ދިފާޢީ ނިޒާމުގެ މިސައިލްތައް ހުސްވެފައިވުމުގެ ސަބަބުން، ވައްޓާލެވުނީ އެންމެ ބެލިސްޓިކް މިސައިލެއް ކަމަށެވެ. މި ޙަމަލާތަކުގައި ކީވްގެ 18 ރޭނގަޑު އިމާރާތަކަށާއި ސްކޫލަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
މި ދަތިކަމާ ގުޅިގެން ޒެލެންސްކީ ވަނީ އެމެރިކާގެު ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކޮށް، ރަޝިއާގެ އެތެރޭގެ އަމާޒުތަކަށް ޙަމަލާދިނުމަށްޓަކައި އީލޮން މަސްކްގެ ’ސްޓާލިންކް‘ ސެޓެލައިޓް ނެޓްވޯކް ބޭނުންކުރުމުގެ ހުއްދަ ހޯދައިދިނުމަށް އެދިފައެވެ. މިހާރު ސްޓާލިންކް އިން ވަނީ ރަޝިއާގެ ސަރަޙައްދުގައި އެ ނިޒާމު ބޭނުންކުރުން މަނާކޮށްފައެވެ.
އަނެއްކޮޅުން ކަޅު ކަނޑު (ބްލެކް ސީ) ގައި ޔޫކްރޭނުން ދިން ކަނޑުމަތީގެ ޑްރޯން ޙަމަލާތަކެއްގައި ރަޝިއާގެ ދައުލަތުގެ ނިއުކްލިއަރ ކުންފުނި (ރޮސޭޓޮމް) އިން އޮޕަރޭޓްކުރާ 100,000 ޓަނުގެ މުދާއުފުލާ ބޯޓެއް ކަމަށްވާ ’ޔާނީނާ‘ ވަނީ ފައްތާލާފައެވެ. މި ބޯޓުގައި ތިބި 17 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ އިތުރުން ޔޫކްރޭނުން ވަނީ ރަޝިއާގެ 1،600 ކިލޯމީޓަރު އެތެރޭގައިވާ ތެޔޮ ސާފުކުރާ 3 ކާރުޚާނާއަކަށް ޑްރޯން ޙަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.













