ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ގުރުނެގި އިރު، ރާއްޖެ ވަނީ ވަރުގަދަ އިންޑިއާ އާއި ޕާކިސްތާނާއެކު އެއް ގްރޫޕެއްގައި ހިމެނިފައެވެ.
ބޫޓާންގައި ހޮނިހިރު ދުވަހު ބޭއްވި މި މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ރާއްޖެ ހިމެނުނީ ގްރޫޕް ”ބީ“ ގައެވެ. މި ގްރޫޕްގައި ރާއްޖެއާއެކު ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާގެ އިތުރުން ޕާކިސްތާނެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ 4 އިން 17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގްރޫޕް ”އޭ“ ގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާ އާއި ބޫޓާނެވެ. ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން ނޭޕާލް މިވަގުތު ގުރުނެގުމުގައި ހިމަނާފައި ނުވި ނަމަވެސް، މުބާރާތް ފެށުމުގެ ކުރިން އެ ސަސްޕެންޝަން އުވާލައިފިނަމަ އެ ގައުމު ގްރޫޕް ”އޭ“ ގައި ހިމެނުމުގެ ފުރުސަތު އޮތް ކަމަށް ސާފް އިން ވަނީ ހާމަކޮށްފައެވެ.
މި ފަހަރުގެ ގުރުނެގުމަށް ބަލާއިރު، ރާއްޖެއިން އެންމެ ފަހުން އިންޑިއާ އާއި އެއް ގްރޫޕެއްގައި ވާދަކޮށްފައިވަނީ 2018 ވަނަ އަހަރު ރާއްޖެއިން ތަށި އުފުލާލި މުބާރާތުގައެވެ. އަދި ޕާކިސްތާނާ އެކު އެއް ގްރޫޕެއްގައި ރާއްޖެ ހިމެނުނު މިއީ 2011 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރެވެ.
ރާއްޖެއަކީ ސާފް ސަރަހައްދުގެ ފުޓުބޯޅައިގައި ކާމިޔާބު ގައުމަކަށް ވީނަމަވެސް، 2022 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި މުބާރާތުގައި ރާއްޖެއަށް ކުރިމަތިވީ ނާކާމިޔާބީއެކެވެ. އެ މުބާރާތުން ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ދިގު ތާރީޚުގައި ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާތީ، މިއަހަރުގެ މުބާރާތަށް ރާއްޖެ ނުކުންނާނީ އެ ނާކާމިޔާބީ ފޫބައްދައި، ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައެވެ.









