ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގި، އަސާސީ ތަމްރީނު ކޯހުގެ 73 ވަނަ ބެޗުގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި މި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމުގެ އިތުރުން، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މި ފަހަރުގެ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ އެވޯޑާއި، ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ ”ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް“ ހާސިލުކޮށްފައިވަނީ ޕްރައިވެޓް މަހުދީ އަޙްމަދު (ސނ. 9221) އެވެ. މީގެ އިތުރުން، ހަށިހެޔޮކަމުން އެއްވަނަ ހޯދައި ”ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް“ ހާސިލުކުރީ ޕްރައިވެޓް ރިފާ މުޙައްމަދު (ސނ. 8979) އެވެ.
އަމާޒަށް ބަޑިޖެހުމުގެ ބައިން ”މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް“ ޕްރައިވެޓް މުޙައްމަދު ޝައުން ނާފިޢު (ސނ. 8973) ހާސިލުކުރިއިރު، މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރަކަށް ހޮވި ”މޭޖަރ ޙުސައިން ޝާކިރު އެވޯޑް“ ހާސިލުކުރީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދު (ސނ. 9022) އެވެ. މުޅި ކޯހުން އެންމެ މޮޅު ޕްލެޓޫނަކަށް ހޮވުނީ ޝަހީދު ޢަލީރަސްގެފާނު ކޮމްޕެނީގެ ބްރާވޯ ޕްލެޓޫނެވެ.
ޖުމްލަ 117 ދަރިވަރުން ދަސްވެނިވި މި ކޯހުގައި 22 އަންހެން ދަރިވަރުންނާއި 95 ފިރިހެން ދަރިވަރުން ހިމެނެއެވެ. އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 7 އިން ފެށިގެން ކުރިއަށްގެންދިޔަ މި ތަމްރީނުތަކަކީ، ސިފައިންގެ ޚިދުމަތާ އަލަށް ގުޅޭ މީހުންނަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދީ، އަޚްލާޤީ ގޮތުންނާއި ހަށިހެޔޮކަމުގެ ގޮތުން ގާބިލު ސިފައިންގެ މީހަކަށް އެ މީހުން ބައްޓަންކުރުމަށް ހިންގާ ކޯހެކެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ. ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ސިފައިންގެ އިސް އޮފިސަރުންނާއި ދަސްވެނިވި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ.













