ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވަކި އިންސައްތައެއް ނުވަތަ ކޯޓާއެއް ކަނޑައެޅުމުން، މަޖިލީހުގައި ޒުވާނުންނާއި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމުގެ ކަންކަމުގައި ޒުވާނުންނާއި އަންހެނުންނަށް ބަސްބުނެވޭ ގޮތް ނިޒާމުގެ ތެރެއިން ކަށަވަރުވާންޖެހޭ ކަމަށެވެ. ރާއްޖޭގެ ޤާނޫނުތަކާއި ލިޔެކިޔުންތަކުގައި ޒުވާނުންނާއި އަންހެނުންނަށް ހަމަހަމަ ފުރުސަތު އޮތް ނަމަވެސް، އިންތިޚާބުތަކުގައި އެ މަންޒަރު ނުފެންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ލިޔެކިޔުމުގައި ހަމަހަމަ ފުރުސަތު އެބައޮތް. ޒުވާނުން ނޫނިއްޔާ އަންހެން ބޭފުޅުން ކުރިމަތިލާ. އެކަމަކު ކުރިމަތިލީމަ ވޯޓު ލިބޭގޮތުން މި ފަރާތްތައް ބާކީ އެބަވޭ. ވަރަށް މަދު ފަހަރަކު އަދި އަމުދުން އަންހެނަކު ހޮވޭނީ،“ ރައީސް ވިދާޅުވިއެވެ.
މިކަން ބަދަލުކުރެއްވުމަށްޓަކައި ޤާނޫނުއަސާސީއަށް އިސްލާހު ގެންނަވައިގެން، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނަށް އަދި ވަކި އިންސައްތައެއް އަންހެނުންނަށް ކަނޑައަޅުއްވަން ހުށަހަޅުއްވާނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީ ނިޒާމުގެ ތެރެއިން މިކަން ކުރަން މަސައްކަތް ކުރެއްވި ނަމަވެސް، ހަގީގީ މާނައިގައި ކާމިޔާބުވާނީ މަޖިލީހުގެ ތެރެއިން ކޯޓާ ކަނޑައެޅިގެން ކަމަށެވެ.
ޒުވާނުންނަށް ޤައުމު ހިންގުމުގެ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާކުރުމުގެ ގޮތުން ”ޒުވާނުންގެ މަޖިލިސް“ އުފެއްދެވުމަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުސަތު ކަމަށް ރައީސް ސިފަކުރެއްވިއެވެ. މި މަޖިލީހަށް މެންބަރުން ހޮވާނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއެއްގައި ޒުވާނުން ތަމްސީލުކުރުމަށް ޒުވާނުންގެ މެދުގައި ބޭއްވޭ ވޯޓަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާ ދުވަސްވަރު ޒުވާނުންގެ މަޖިލިސް އެއްވެ، މަސައްކަތްކުރާ ގޮތަށް ކަންކަން ހަމަޖެއްސެވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ޒުވާނުންނަށް ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ މިނިވަންކަން ހަގީގީ މާނައިގައި އިހުސާސްކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.












