ސަރުކާރުން ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަންގެ ބިޔަ މަޝްރޫއު ”މޯލްޑިވްސް 2.0“ އަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން މަޖުބޫރުކަމާއެކު ބައިވެރިވާންޖެހޭނެ މަޝްރޫއެއް ކަމަށާއި، މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ”ނޭޝަންޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ހަދަންޖެހޭ ގާނޫނުތައް މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި ގާނޫނުގެ ދަށުން ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް، ބޭންކުތަކަށް ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކަށް މި ނިޒާމުން ބޭރުގައި ނުތިބެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
”ދައުލަތުގެ ހުރިހާ މުއައްސަސާއެއް، ސަރުކާރުގެ ހިއްސާއެއް އޮންނަ ކޮންމެ ތަނެއް، ޕަބްލިކް ހުރިހާ އިންސްޓިޓިއުޝަންތަކެއް މީގައި ބައިވެރިވާން ޖެހޭނެ. އެއްވެސް ފަރާތަކަށް މީގަ ’އޮޕްޓް އައުޓް‘ އެއް ނުވެވޭނެ،“ ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ މަގްސަދުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ސަބަބުން ދެފުއްފެންނަ ނިޒާމެއް ގާއިމުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްވެ، މުވައްޒަފުންނަށް މަސައްކަތުގެ މާހައުލު ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް 26 ޖުލައި 2028 ގެ ނިޔަލަށް ފުރިހަމައަށް ތަންފީޒު ކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
”މޯލްޑިވްސް 2.0“ ގެ ދަށުން އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ސިއްހީ ދާއިރާ ޑިޖިޓަލައިޒްވުން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ޑިޖިޓަލް ހެލްތު ސާވިސްއެއް ތައާރަފުކުރެވި، އޭގެ ތަފްސީލުތައް ހެލްތު މިނިސްޓްރީއާއި ޓެކްނޮލޮޖީ މިނިސްޓްރީން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު ބޭނުންކުރާ ފިޒިކަލް އައިޑީ ކާޑުގެ ބަދަލުގައި ”ޑިޖިޓަލް ޕްލަސް ސްމާޓް އައިޑީ ކާޑެއް“ ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ. ކުރިއަށް އޮތް އަހަރެއް ނުވަތަ އަހަރެއްހާ ދުވަހުގެ ތެރޭގައި ތައާރަފުކުރާ މި ކާޑަކީ ފިންގަރޕްރިންޓާއި ޗިޕް ހިމެނޭހެން ތައްޔާރުކުރާ ކާޑެކެވެ. މި ކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމާއި، މީހާގެ ރެކޯޑުތައް ބެލެހެއްޓުން ފަދަ ގިނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިއީ ވަރަށް ”އެމްބިޝަސް“ ނުވަތަ އުންމީދީ އަމާޒެއް ކަމަށާއި، މިކަމުގެ ސަބަބުން މުޅި ދިވެހި މުޖުތަމައަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.














