2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލެ އާއި، ސިނަމާލެ ބްރިޖް އަދި ހައިވޭގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު، 2026 ޖަނަވަރީ 1 އިން ޖޫން 30 ގެ ނިޔަލަށް ޖުމްލަ 1،355 އެކްސިޑެންޓް ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ. މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން ޖުމްލަ އެކްސިޑެންޓްތަކުގެ 83.25 އިންސައްތަ (1،128 އެކްސިޑެންޓް) މާލޭގައި ހިނގާފައިވާއިރު، ބްރިޖް އަދި ހައިވޭ ސަރަހައްދުގައި ހިނގާފައިވަނީ 16.75 އިންސައްތަ (227 އެކްސިޑެންޓް) އެވެ.
މަހުން މަހަށް އައިސްފައިވާ ބަދަލުތައް

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ޖަނަވަރީ މަހުއެވެ. އެ މަހު 253 އެކްސިޑެންޓް ހިނގާފައިވާއިރު، އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ މަހު (191 އެކްސިޑެންޓް) އެވެ. ނަމަވެސް މާރިޗު މަހު އަނެއްކާވެސް މި އަދަދު 23.56 އިންސައްތަ އިތުރުވެ، 236 އަށް އަރާފައިވެއެވެ. އޭގެ ފަހުން އައި އެޕްރީލް މަހު 232 އެކްސިޑެންޓް އަދި މޭ މަހު 238 އެކްސިޑެންޓް ހިނގާފައިވެއެވެ. ޖޫން މަހު މި އަދަދު ވަނީ 205 އަށް ތިރިވެފައެވެ.
ވަގުތާއި ހާލަތު

އެކްސިޑެންޓްތައް ހިނގާފައިވާ ވަގުތުތަކަށް ބަލާއިރު، ބޮޑު އިންސައްތައެއް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެގޮތުން 66.49 އިންސައްތަ (901 އެކްސިޑެންޓް) ދުވާލު ހިނގާފައިވާއިރު، ރޭގަނޑު ހިނގާފައިވަނީ 33.51 އިންސައްތަ (454 އެކްސިޑެންޓް) އެވެ. މިއީ ރޭގަނޑާ އަޅާބަލާއިރު ދުވާލު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
އަނިޔާ އާއި މަރު

މި ހަ މަސްދުވަހުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި ދެ މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ އިތުރުން 31 މައްސަލައެއްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، 1،322 މައްސަލައެއްގައި ލިބިފައިވަނީ ކުދި އަނިޔާތަކެވެ. މި ހާދިސާތަކުގައި ޖުމްލަ 1،482 އުޅަނދަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
އުޅަނދުތަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އިންޝުއަރެންސް މެދުވެރިކޮށް ޖުމްލަ 3,284,622 (ތިން މިލިއަން ދެލައްކަ އަށްޑިހަ ހަތަރު ހާސް ހަސަތޭކަ ބާވީސް) ރުފިޔާ ވަނީ ނަގައިދެވިފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 547,437 ރުފިޔާއެވެ.

ފުލުހުން ހާމަކުރިގޮތުގައި މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުން ދިއުމަކީ އޮތް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަމާލުކަން އިތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.












