ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުން އެކަންކަން ބަލައިގަތުމަކީ މުހިންމު ކަމެއް ކަމަށާއި، އިދިކޮޅުވުމަކީ ކޮންމެ ކަމަކަށް ދެކޮޅުހެދުން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީ.އެސް.އެމް އިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ގައުމަށް ފައިދާވާ ކަމެއް އޭރުގެ އޮންނަ ސަރުކާރަކުން ކޮށްފިނަމަ އެކަމަކަށް މަރުހަބާ ކިޔުމަކީ ރަނގަޅު ގޮތެވެ.
”މީގެ މުހިންމީ ރައްޔިތުންނަށް ފައިދާވާ ކަހަލަ ކަމެއް ސަރުކާރުން ކޮށްފިއްޔާ އެ ކަމަށް ބަލައިގަތުން. އެ ކަމަކުން ރައްޔިތުންނަށް ފައިދާ ވަންޏާ އެއީ ގަބޫލުކުރާ ކަމަކަށް ވާންޖެހޭނެ. އިދިކޮޅު ވުމަކީ ކޮންމެ ކަމަކަށް އިދިކޮޅު ހެދުމަކަށް ނުވާނެ،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ކުރާ ކަމެއްގައި ގޯހެއް އުޅޭނަމަ ނުވަތަ ފުރިހަމައަށް ނުދާނަމަ އެކަމެއް ފާހަގަކުރުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއެކެވެ. އަދި އެކަމެއް އެއަށްވުރެ ރަނގަޅަށް ކުރެވޭނެ ގޮތްތައް ހުށަހެޅުމަކީ ޒިންމާދާރު އިދިކޮޅު ހަރަކާތެއްގެ ސިފައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ މައިދާނުގައި ބައެއް ފަހަރު ފެންނަނީ ނުރަސްމީ ނުވަތަ ”unprofessional“ ގޮތްތަކަށް ކަންކަން ކުރެވޭ ތަން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރައްޔިތުންނަކީ މިހާރު ވަރަށް ބޮޑަށް ހޭލުންތެރި ބައެއް ކަމަށާއި، މަޝްރޫއުތައް ފެށިގެން އަންނަ ގޮތާއި ފައިސާ ހަމަޖެހިގެންދާ ގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުން ކުރާ ކަންކަމުގެ ނަތީޖާ ރައްޔިތުން ބަލަމުންދާ ކަމަށާއި، ކޮންމެ ކަމަކަށް އިދިކޮޅު ހެދުމުގެ ބަދަލުގައި ގައުމީ މަސްލަހަތު އިސްކުރުމަށް އިދިކޮޅު ފަރާތްތަކަށް ބާރުއަޅުއްވާފައެވެ.














