ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ 2026 ޖުލައި 27 ވަނަ ދުވަހު ރާއްޖެއަށް އައިސްފައިވާ އުޅަނދެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު ތަކެތީގެ ތަފްސީލު ހިއްސާކުރަމުން ކަސްޓަމްސްއިން ބުނެފައިވަނީ، އަތުލައިގަނެވުނު ތަކެތީގެ ބަރުދަނުގައި ޖުމްލަ 2231 ގްރާމް (2.2 ކިލޯއަށްވުރެ ގިނަ) އިން ހުރި ކަމަށެވެ.
ފުރަތަމަ މަރުހަލާގައި މި ތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތްއެމްފެޓަމީން (Methamphetamine) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. ކަސްޓަމްސްއިން އަންދާޒާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައިކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ.
2026 ޖުލައި 27 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 2.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹ބާވަތް: މެތްއެމްފެޓަމީން
🔹 ބަރުދަން: 2231 ގްރާމް
🔹ޖުމްލަ މަަގުމަތީއަގު: 4.4 މިލިއަން ދިވެހި ރުފިޔާ pic.twitter.com/p9MUdNQ4yq— Maldives Customs Service (@CustomsMv) July 30, 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. މިގޮތުން، ބޯޑަރު ބެލެހެއްޓުމާއި ކަނޑުމަގުން ރާއްޖެ އެތެރެވާ ތަކެތި ޗެކްކުރުމުގެ ނިޒާމު މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަކުރެވިފައެވެ.














