ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، އެއްވެސް އެންގުމަކާ ނުލައި އެއްވުންތައް ބޭއްވޭނެ ފަސް ސަރަހައްދެއް މިހާރު ކަނޑައަޅާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގައި އެއްވުންތައް ބޭއްވުމަށް ހުއްދަ ދެވިފައި އޮންނަނީ ހަމައެކަނި އެއް ސަރަހައްދެއްގައި ކަމަށް ވިޔަސް، މިހާރު އެކި ސަރަހައްދުތަކުގައި އެއްފަހަރާ ވެސް ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
ރައީސް ވިދާޅުވީ ސުލްހަވެރިކަމާއެކު ޚިޔާލު ފާޅުކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި، އެކަމުގައި ހުރަސްތަކެއް ހުރި ކަމަށް އެއްވެސް ބޭފުޅަކަށް ވިދާޅުނުވެވޭނެ ކަމަށެވެ.
ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތައް، ޚާއްޞަކޮށް ސްކޫލްތަކުގެ ހޯލުތައް ފަދަ ތަންތަން ވެސް ދޫކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކާއި (ޕްރައިމަރީތައް) އެކި ބައްދަލުވުންތައް ބޭއްވުމަށް މިފަދަ ތަންތަން މިހާރު ފަހިކޮށްދެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އެއްވެސް ހުރަހެއް ހަގީގަތުގައި ވެސް ނޯންނާނެ މިހާރަކު ސިޔާސީ ހަރަކާތް ކުރިއަށް ގެންދިއުމުގައެއް. ހުރިހާ ފަރާތްތަކަށް ފުރުސަތު އެއޮތީ ވަރަށް ފުޅާމިނުގައި،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސިޔާސީ ހަރަކާތެއް ބޭއްވުމާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ކުށްވެރިކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ. ނަމަވެސް، ކޮންމެ ފަރާތަކުން ވެސް ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަމެއް ކޮށްފިނަމަ، އެއީ ސިޔާސީ ކަމެއް ކަމުގައި ވިޔަސް ނުވިޔަސް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.














