ރަތްކަނޑުން ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ހޫޘީން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލާ ބޯޓަކަށް ބެލިސްޓިކް މިސައިލުން ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.
މި ހަމަލާ ދީފައިވަނީ ރަތްކަނޑުން ދަތުރުކުރާ ސައުދީގެ އުޅަނދުފަހަރަށް އަމާޒުކޮށް، އެ ސަރަހައްދުން ދަތުރުފަތުރުކުރުން ހޫޘީން މަނާކޮށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކުރިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
ޚާރިޖިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް މިފަދަ ހަމަލާތަކުގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި، ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން ސަރަހައްދީ ހަމަޖެހުމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ރާއްޖެއިން ގަބޫލުކުރެއެވެ.
ދިވެހި ސަރުކާރުން މި ހަމަލާ ސިފަކޮށްފައިވަނީ، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ރަތްކަނޑާއި ބާބުލް މަންދަބު ސަރަހައްދުގެ ހަމަޖެހުން ނަގާލައި، މަސްލަހަތު ގޯސްކުރުމަށް ހިންގާ ނުރައްކާތެރި އަމަލެއްގެ ގޮތުގައެވެ.













