Ads by
ޚަބަރު
ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް ޞާލިޙް

ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ހިތާބުގައެވެ.

ހިތާބު ފަށްޓަވަމުން ރައީސް ޞާލިޙް ވަނީ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބާގެ ތަހުނިޔާ ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، އަރިސްކުރައްވާފައެވެ. އަދި ޤައުމީ ދުވަސް އެ ބަޠަލަކަށް ނިސްބަތްވާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ މަތިވެރި ޖިހާދުގެ ހަނދާން އާކުރައްވައި، އެ ތަކުރުފާނާއި އެތަކުރުފާނުގެ ޤައުމީ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ރައީސްގެ ހިތާބުގައި ކޮންމެ ދިވެއްސެއްގެ ހިތުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، އިސްލާމް ދީނާއި ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަގާފަތުގެ އެއްގޮތް ކަމާއި ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ޞުލްޙަ މަސަލަސްކަން ހިމެނޭގޮތުން ދިވެހި ޤައުމިއްޔަތުގެ މި އަސާސްތައް ޙިމާޔަތްކޮށް ރައްކާތެރިކުރުންކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

އަދި ބައިނަލްއަޤުވާމީ މުޖްތަމަޢުގައި އިތުބާރު ކުރެވޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ޤައުމެއްގެ ގޮތުގައިކަން ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި މިއަދުވެސް ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިއްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *