ނޫނު އަތޮޅުގައި ހުންނަ ސަރުކާރުގެ އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ފުންވިލު، އުމުރުން 36 އަހަރުގެ ޒައިދު މުޙައްމަދެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން، މި ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 7.2 ގުރާމެވެ.
ޒައިދު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ސަރުކާރުގެ އިދާރާތަކަށް މިފަދަ ތަކެތި ވެއްދުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް ފުލުހުން ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.














