އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރަމުންދިޔަ ވަރުގަދަ އަސްކަރީ ޙަމަލާތައް މެދުކަނޑާލާފައި އޮންނަތާ 4 ދުވަސް ވުމާއެކު، ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލުޔެއް ލިބިއްޖެއެވެ.
ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 9 އިންސައްތަ ދަށަށް ގޮސް 88 ޑޮލަރަށް ވެއްޓިފައިވާއިރު، ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ތެޔޮ ފީފާއެއްގެ އަގު ވަނީ 82 ޑޮލަރަށްވުރެ ދަށަށް ގޮސްފައެވެ.
މިއީ ވިދިވިދިގެން 4 ދުވަސް ވަންދެން އެމެރިކާއިން އީރާނަށް ބޮންއެޅުން ހުއްޓާލައި، އަދި އީރާނުން އެމެރިކާގެ މަރުކަޒުތަކަށް ދެމުންދިޔަ މިސައިލް ޙަމަލާތައް ވެސް މެދުކަނޑާލުމާ ގުޅިގެން އައި ބަދަލެކެވެ.
ތެލުގެ އަގު ދަށަށް ގޮސްފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ސަޕްލައިކުރުމަށް އޮތް ހުރަސްތަކަށް ވަގުތީ ޙައްލެއް ލިބިދާނެކަމުގެ އުންމީދުގައެވެ. ނަމަވެސް، މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އަނެއްކާވެސް ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިއުމުގެ ނުރައްކާ އޮތްކަމަށް މާހިރުން އިންޒާރުދެއެވެ.













