އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއާ ފޯސް 1 ގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނިގޮތުގައި، މެދުވެރިން މެދުވެރިކޮށް އެމެރިކާއާއި އީރާނާ ދެމެދު ނުރަސްމީ ފުން މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ. ނަމަވެސް، މަޝްވަރާތަކަށް އޮތީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށާއި، މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އަނެއްކާވެސް ވަރުގަދަ އަސްކަރީ ޙަމަލާތަކެއް ދޭން ފަށާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.
ޓްރަމްޕު ބުނީ މެދުވެރިން މެދުވެރިކޮށް ކުރިއަށްދާ މަޝްވަރާތަކުގައި އެދެވޭ ކުރިއެރުންތަކެއް ލިބެމުންދިޔަޔަސް، ވަގުތު ކުޑަތަންވެފައިވާ ކަމަށެވެ. މައްސަލަ ޙައްލުކުރަން ބޭނުންވާނަމަ ވަރަށް އަވަހަށް ކަންކަން ނިމެންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދިނުމުގައި ރަޝިޔާގެ ސެޓެލައިޓް ޑޭޓާ ބޭނުންކުރާ ކަމަށް ޔޫކްރޭނުން ކުރާ ތުހުމަތުތަކާ ގުޅިގެން، ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިންއާ ސީދާ ސުވާލުކުރާނެ ކަމަށްވެސް އެއާ ފޯސް ވަން ގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވިއެވެ.














