މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން މެންދުރުފަހު 3:00 އާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނުން ފެށިގެން ހަވީރު 6:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތް ހާމަކުރަމުން ބުނެފައިވަނީ، މި މުއްދަތުގައި ވައި ހުންނާނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ވައި ޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
Swell wave surges expected. pic.twitter.com/XMfsyp4KLs
— Maldives Meteorology (@MetMaldives) July 27, 2026
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ. މެޓް އޮފީހުން ބުނިގޮތުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑެވެ.
އުދަ އަރައިފާނެ ކަމަށް ބެލެވޭތީ، އައްސޭރިފަށުގެ ރަށްތަކުންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން މުދަލާއި އުޅަނދުފަހަރަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.














