އޮމާން މެދުވެރިވެގެން އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާތީ، އީރާނަށް ދެމުންދާ އަސްކަރީ ޙަމަލާތައް އިތުރަށް ފުޅާނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކޮށްފިކަމަށް ’އެކްސިއޯސް‘ އިން ރިޕޯޓްކޮށްފިއެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެކްސިއޯސްއިން ބުނިގޮތުގައި، ރައީސް ޓްރަމްޕް ވަނީ އީރާނުގެ އެތެރޭގެ އަމާޒުތަކަށް އިތުރަށް ޙަމަލާދިނުން ވަގުތީގޮތުން ހުއްޓާލުމަށް އަސްކަރިއްޔާއަށް އަންގާފައެވެ. މި ނިންމުން ނިންމާފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އުޞޫލުތަކެއް ކަނޑައެޅުމަށް އޮމާން މެދުވެރިވެގެން އީރާނާއެކު ކުރިއަށްދާ ސިއްރު މަޝްވަރާތަކުގައި އެދެވޭ ކުރިއެރުންތަކެއް ލިބުމާ ގުޅިގެންނެވެ.
މަޝްވަރާތަކުގެ ޚަބަރާއެކު، ދުނިޔޭގެ ތެލުގެ ބާޒާރުގައި ފީފާއެއްގެ އަގު 101 ޑޮލަރުން 97 ޑޮލަރަށް ވަނީ ތިރިވެފައެވެ. މި މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ، ހޮރްމޫޒް ކަނޑުއޮޅީގައި ތާށިވެފައިވާ 6,000 އަށްވުރެ ގިނަ ފަޅުވެރިންނާއި 400 އަށްވުރެ ގިނަ ވިޔަފާރި ބޯޓުފަހަރަށް ސަލާމަތްތެރިކަމާއެކު ފުރައިގެން ދިއުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.













