މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގަން މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުން އިސްވެ އަދަބު ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު ހިންގުމުގެ ދާއިރާގެ މިނިވަންކަމަށް ބަލާއިރު، ކޮރަޕްޝަން ނައްތާލުމަކީ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އެގޮތުން މި ސަރުކާރުން ކޮރަޕްޝަނާ މެދު ގެންގުޅޭނީ ”ޒީރޯ ޓޮލަރެންސް“ ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މި ސަރުކާރުން ފަޚުރުވެރިކަމާއެކީގައި ދަންނަވަން ކޮރަޕްޝަނަކަށް އެއްވެސް ޖާގައެއް މިސަރުކާރު ތެރެއަކު ނޯންނާނެއޭ. އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން އިސްވެ އަދަބުދޭނެކަން،“ ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތާލުމަށްޓަކައި އެންމެ މުހިންމީ އަމަލީ ގޮތުން އެކަމަށް މަގުފަހިވާ ކަންކަން ހުއްޓުވުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން ”މޯލްޑިވްސް 2.0“ ގެ ނަމުގައި މުޅި ދައުލަތް ޝާމިލުވާ ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން ރައްޔިތުންނަށްދޭ ޚިދުމަތްތަކަކީ އެއްވެސް ނުފޫޒެއް ނެތް، މިނިވަން މާޙައުލެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ.
ވަކި މީހަކަށް ވީތީ ވަކި ގޮތަކަށް ކަންކަން ކޮށްދިނުމާއި، ”ކިޔޫ ޖަމްޕް“ ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި، އަޅުވެތިކަމުގެ ސިފައެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ”މޯލްޑިވްސް 2.0“ އިސްލާމީ އުޞޫލުތަކާއި ހަމަތަކުގެ މަތިން ތަންފީޒުވެ ނިމޭއިރު، ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން އިންސާނުންގެ ތަދައްޚުލުވުން ކުޑަކުރެވި، ޚިދުމަތްތައް އޮޓޮމޭޓް ކުރެވިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިރާދުކުރެއްވިއްޔާ 2028 ވަނަ އަހަރާ ހަމައަށް މި ނިޒާމު ފުރިހަމައަށް ތަންފީޒުވެ، މުޅި ދައުލަތުގެ ހިންގުމާއި ޚިދުމަތް ދިނުން އެއްކޮށް ޑިޖިޓަލައިޒް ކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން ކޮރަޕްޝަނަށް އޮތް ދޮރުތައް ބަންދުވެ، ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ލިބޭނެ މަގު ތަނަވަސްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.












