ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
https://web.facebook.com/share/p/1YnaFdX7QL/
މިކަމާ ގުޅޭގޮތުން މުންދު ވިދާޅުވީ، މަގު ހަދާ ނިމެންދެން މިފަދަ ކުރެހުންތަކާއި ތަޞައްވުރުތައް އަދި ޕްލޭންތައް އިދިކޮޅު ފަރާތްތަކުން ހާމަނުކުރައްވާ ތިއްބެވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި މިވަގުތުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުގެ 1400 އަށްވުރެ ގިނަ މަޝްރޫޢު ހިނގަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
”ކޮންމެ މަސައްކަތެއްގައި ވިސްނާފައިވާ ގޮތް ގަނޑުކޮށް އޭ.އައި (AI) ބޭނުންކޮށްގެން ކުރަހާލައިގެން އާންމުންނަށް ޝެއަރކޮށްލަދެއްވާ. އޭގެ ކްރެޑިޓް ބޭނުންފުޅުވާނަމަ ތިޔަ ބޭފުޅުންގެ ސޫރަވެސް ކޮންމެ ތަނެއްގައި ކުރަހާލަދީފާނަން،“ މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަންކަން އަމަލީގޮތުން ތަންފީޒުކުރުމުގެ ބާރު އޮންނާނީ އެއިރެއްގައި އޮންނަ ސަރުކާރަކަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބުނު ދުވަސްވަރު މިފަދަ ކަންކަން ނުކުރެއްވުމަކީ މިހާރުގެ ސަރުކާރުގެ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”މިވަގުތު މިކަން އަޅުގަނޑުމެން މިބަލަނީ ވީ އެންމެ ރަނގަޅަށް ކުރެވޭތޯ. ތިޔަ ބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ކަންކަން ތަންފީޒުކުރުމުގައި،“ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވަމުން މުންދު ވިދާޅުވިއެވެ.
މުންދުގެ މި ވާހަކަތަކަކީ ސަރުކާރުގެ މަޝްރޫޢުތަކުގެ ޕްލޭންތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކްރެޑިޓް ނެގުމަށް ދައްކަވާ ތާކުންތާކު ނުޖެހޭ ވާހަކަތަކާ ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުތަކެކެވެ. މުންދުގެ ވާހަކަ ނިންމާ ލައްވަމުން އިދިކޮޅު ފަރާތްތަކަށް ވިދާޅުވީ އެންމެންނަށް ”ވަރަށް ސަލާމް“ އެވެ.













