ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާ ޕްރިންސް ޑޮކްޓަރ މަންޞޫރު ރާއްޖެ ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި ދަޢުވަތަކަށެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން، ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިސްތިޤްބާލު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އިން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް އަޚުވަންތަ ގުޅުން ރަމްޒުކޮށްދޭ އަދި ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލުގައި ސަޢޫދީ ސަރުކާރުން ބައިވެރިވާކަން ހާމަކޮށްދޭ މުހިންމު ދަތުރުފުޅެކެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއާއި އެހެނިހެން ހަރަކާތްތަކުގައި ޕްރިންސް ޑޮކްޓަރ މަންޞޫރު ބައިވެރިވެވަޑައިގަންނަވާނެއެވެ.











