ޣައްޒާގައި އިތުރުވަމުންދާ އިންސާނީ ކާރިސާއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އިދާރާތަކުން ބިރުވެރި އިންޒާރެއް ދީފިއެވެ. ދުނިޔޭގައި ބަނޑުހައިހޫނުކަން އޮތް މިންވަރު ދިރާސާކުރާ ބައިނަލްއަޤްވާމީ އިދާރާ، އިންޓަގްރެޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ލަފާކުރާ ގޮތުގައި، މި އަހަރު ނިމުމުގެ ކުރިން ޣައްޒާގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ނުރައްކާތެރި މިންވަރަކަށް ބަނޑުހައިހޫނުކަން ތަޙައްމަލު ކުރަން ޖެހުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
އައިޕީސީގެ އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ބަލާއިރު، ޙަމާސްއާއި ޔަހޫދީ އިސްތިޢުމާރީ ބާރުތަކާ ދެމެދު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވުމާ ގުޅިގެން ކާޑުބަލި ޖެހިފައިވާ މީހުންގެ، ޚާއްޞަކޮށް ކުޑަކުދިންގެ ޢަދަދު ކޮންމެވެސް މިންވަރަކަށް ދަށަށް ދިޔައެވެ. މީގެ މައިގަނޑު ސަބަބަކީ އެ މުއްދަތުގައި ކާބޯތަކެތި ލިބޭ މިންވަރު އިތުރުވުމެވެ. ނަމަވެސް، އެ ކުރިއެރުންތައް މިހާރު ވަނީ ހުއްޓި، ޙާލަތު އަލުން ގޯސްވާން ފަށާފައެވެ.
އައިޕީސީން ބުނާ ގޮތުގައި ޣައްޒާގެ ގިނަ ރައްޔިތުން ކާބޯތަކެތި ހޯދުމަށް ބަރޯސާވަނީ އެހީދޭ ޖަމްޢިއްޔާތަކަށެވެ. ގިނަ އާއިލާތަކަށް ލިބޭ ކާބޯތަކެތި ނުފުދޭތީ، ބައެއް ގޭބިސީތަކުން ކާބޯތަކެއްޗަށް ސަލާންޖަހަމުންދާއިރު، އަނެއްބައި މީހުން ދަނީ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ތަންތަނުން ކާނޭ އެއްޗެއް ފެނޭތޯ އަތްފުނާއަޅަމުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޭޕްރިލް މަހުގެ މެދަކާ ހިސާބުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޣައްޒާގެ 1.2 މިލިޔަނަށްވުރެ ގިނަ މީހުން (އާބާދީގެ 59 އިންސައްތަ) ވަނީ ޞިއްޙަތަށް ނުރައްކާވާ މިންވަރަށް ބަނޑުހައިހޫނުކަން ތަޙައްމަލު ކޮށްފައެވެ. އައިޕީސީން މި ޙާލަތު ސިފަކުރަނީ ބަނޑުހައިހޫނުކަމުގެ ކާރިޘާއެއްގެ ގޮތުގައެވެ. އޭގެ ތެރެއިން 212,000 މީހުން ތިބީ ކުއްލި ޙާލަތުގައި ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
އިދާރާތަކުން ލަފާކުރާ ގޮތުގައި މި އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ދާއިރު، މި ޢަދަދު 1.4 މިލިޔަނަށް އިތުރުވާނެއެވެ. މިއީ ޣައްޒާގެ މުޅި އާބާދީގެ ގާތްގަނޑަކަށް 67 އިންސައްތައެވެ.
އައިޕީސީން އިތުރަށް ފާހަގަކުރި ގޮތުގައި، އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މާބަނޑު މީހުންނާއި ގާތުންދޭ މައިންނަށް ޚާއްޞަކޮށްގެން ހިންގި ޕްރޮގްރާމްތަކުގެ ދަށުން އެހީ ލިބޭ މީހުންގެ ޢަދަދުވެސް ވަނީ ދެބައިކުޅަ އެއްބަޔަށް މަދުވެފައެވެ. ކުރިން 12,000 މީހުންނަށް ދެމުންދިޔަ އެހީ، މިހާރު ފޯރުކޮށްދެވެނީ އެންމެ 6,000 މީހުންނަށެވެ.
މި ޙާލަތު އިތުރަށް ގޯސްވަމުންދަނީ އެހީދޭ ޖަމްޢިއްޔާތަކަށް ފައިސާ ލިބުމުގައި ހުރި ދަތިތަކާއި، އިސްތިޢުމާރީ ބާރުތަކުން އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުންދާތީ ކަމަށް ބައިނަލްއަޤްވާމީ މަސްދަރުތަކުން ރިޕޯޓުކުރެއެވެ.













