ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލި ”ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ދިގު މަރުޙަލާތަކެއް ކަނޑަނޭޅި ކުރިއަށްދިޔަ ބިލެކެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން މި ބިލު ފުރަތަމަ ފާސްކުރީ 14 މެއި 2026 ގައެވެ. ނަމަވެސް، އެ ބިލު ތަޞްދީޤުކުރެއްވުމުގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން 31 މެއި 2026 ގައި ރައީސް ވަނީ އެ ބިލު އަނބުރާ ފޮނުއްވާފައެވެ.
އޭގެ ފަހުން، 1 ޖުލައި 2026 ގައި ބޭއްވި މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ބިލަށް ބައެއް އިޞްލާޙުތައް ގެނެސް ދިރާސާކުރުމަށްފަހު، 14 ޖުލައި 2026 ގައި ބޭއްވި 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން މި ބިލު ވަނީ އަލުން ފާސްކޮށްފައެވެ.
މި ބިލުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން، ފެންވަރު ރަނގަޅުކޮށް އަދި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމެވެ. އަދި މިކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް މި ބިލުން ސާފުކޮށް ކަނޑައަޅައިދެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ނިޒާމާ ބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ”އޯގަން ޓްރާންސްޕްލާންޓް ކައުންސިލް“ އިންނެވެ. އަދި މި ޚިދުމަތް ދިނުމުގެ ހުއްދަ ދޫކުރާނީ މި ޤާނޫނުގެ ދަށުން އުފައްދާ ”އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ“ އިންނެވެ.
މީގެއިތުރުން، ޓްރާންސްޕްލާންޓް ކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާތުތަކާއި މިންގަނޑުތަކުގެ އިތުރުން، ޤާނޫނާ ޚިލާފަށް ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ކުށާއި އެކަމަށް ދެވޭނެ އަދަބުތައްވެސް މި ބިލުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.











