މާލޭގެ ބޮޑުތަކުރުފާނުމަގުގައި އަލަށް ތަރައްޤީކުރި ޕާކިން ޒޯން ހިމެނޭ ސަރަހައްދުގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ މާލޭގެ މަލަމައްޗަށް ހިތްފަސޭހަކަން ގެނައުމަށާއި، މަގު ހެދުމުގެ މަސައްކަތް ނިމޭއިރު ތަނަވަސް މާހައުލެއް ޤާއިމުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި ސަރަހައްދުގައި ޤައުމީ ސިފަ ޖެއްސުމުގެ ގޮތުން ’ދިވެހި ރުއް‘ އިންދާފައިވާ ކަމަށެވެ. އަދި މިހާރު ގަސް އިންދާފައި ހުރި ސަރަހައްދުތަކުގެ އިތުރުންވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ރުއްތަކާއި ތަފާތު މާމެލާމެލީގެ ގަސްތައް ޖެހުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
As part of the nationwide environmental initiative, MTCC has planted Maldivian palm trees (ދިވެހި ރުއް) along Boduthakurufaanu Magu on the Malé North Side, contributing to a greener, more sustainable urban environment while enhancing the city’s streetscape for the community to… pic.twitter.com/U8CY120hPp
— MTCC Plc (@MTCCPlc) July 23, 2026
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްޤީކުރި މި ސަރަހައްދުގެ މަސައްކަތްތައް އެއްކޮށް ނިމި، މާދަމާ ހަވީރު 4:00 އިން ފެށިގެން އާންމުންނަށް ހުޅުވާލާނެއެވެ.
”އަޅުގަނޑުމެންގެ ވިސްނުމަކީ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު 4 އަކުން ފެށިގެން އާންމުންނަށް މަގު ހުޅުވާލުން. ވަކި ރަސްމިއްޔާތެއް ބާއްވާ ގޮތަކަށް ނޫން އޮތީކީ،“ ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢަކަށް ތައްޔާރުވަމުންނެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސާރވޭގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.












