ކ. ތުލުސްދޫގައި ”އިސްރަށްވެހިންގެ ހިޔާވަހި“ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު މަސައްކަތު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ ”އޭޖްޑް ކެއަރ ސެންޓަރު“ ތަކެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެލައްވާފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަރުކަޒު ގާއިމުކުރެވުމުން އިސްރަށްވެހިންގެ ތެރެއިން އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ. އަދި ހަމައެއާއެކު، އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި، ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެކި ކަހަލަ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ އިންތިޒާމު މި މަރުކަޒުގެ ސަބަބުން ހަމަޖެހިގެންދާނެއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އިސްރަށްވެހިންނަށް އާއިލީ މާހައުލެއްގައި، އަބުރުވެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ. ތުލުސްދޫގައި މި ގާއިމުކުރެވޭ މަރުކަޒަކީ އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.












